25 Sep 2016, 22:48
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއަށް ބޭނުންވާ ހުރިހާ ފައިސާ އެއްގެ އެއްބަސްވުމުގައި މިއަހަރު ނިމުމުގެ ކުރިން ސޮއިކޮށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫގެ ތެރެއިން އާ ޓާމިނަލްގެ މަސައްކަތަށް ބޭނުންވާ 100 މިލިއަން ޑޮލަރު ސައުދީ ފަންޑުން ދިނުމަށް ނިންމުމުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިރޭ ކުރުނބާ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއަށް ބޭރުގެ ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ ފަރާތްތަކުގެ އެއްބާރުލުމާ އެކު، އެއާޕޯޓް ތަރައްގީގެ މަޝްރޫއު 2018 އަށް ވާއިރަށް ނިންމާލާނެ ކަމަށެވެ.
"މި މަޝްރޫގައި މި ހިމެނެނީ މައިގަނޑު ދެކަމެއް. އެއީ އާ ޓާމިނަލަކާއި ރަންވޭއެއް އަދި އެއާ ގުޅުންހުރި އިންފްރާސްޓްރަކްޗާތައް. އަޅުގަނޑުމެން އުންމީދު ކުރަނީ މިއަހަރު ނިމުމުގެ ކުރިން، އެއާޕޯޓް ތަރައްގީއަށް ބޭނުންވާ ހުރިހާ ފައިސާއެއްގެ އެއްބަސްވުމުގައި ސޮއިކޮށް އެ ފައިސާގެ ކަންކަން ހަމަޖެހޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް މިހާތަނަށް ލިބުނު ފަންޑަށް ބަލާއިރު އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން 771 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ކުވައިތު ފަންޑުން 50 މިލިއަން ރުފިޔާ ދީފައިވާ އިރު، މިރޭ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ވަނީ 100 މިލިއަން ޑޮލަރު ދީފައެވެ.
އެ މަޝްރޫއުގެ ތެރޭގައި އާ އިންޓަނޭޝަނަލް ޓާމިނަލް އެޅުމުގެ މަސައްކަތާއި 3400 މީޓަރުގެ ދިގު އަދި 65 މީޓަރުގެ ފުޅާ ރަންވޭއެއް ގާއިމް ކުރުން ވެސް ހިމެނެއެވެ. އެއާޕޯޓުގެ އާ ރަންވޭ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.
އާ ޓާމިނަލް އަޅަނީ އަހަރު ދުވަހުގެ ތެރޭގައި 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށެވެ. އެއާޕޯޓް މިހާރު ބޭނުން ކުރަނީ އަހަރަކު އެވްރެޖުކޮށް ތިން މިލިއަން ފަސިންޖިރުންނެވެ. އާ ޓާމިނަލުން، އެއްފަހަރާ 3000 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި މިހާރު ހިދުމަތް ދެވޭވަރަކީ އެއްފަހަރާ 1000 މީހުންނަށެވެ.