25 Sep 2016, 21:06
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން ހިންގާ ބިޔަ މަޝްރޫގެ ދަށުން އާ ޓާމިނަލް އެޅުމަށް ބޭނުންވާ ފައިސާގެ 100 މިލިއަން ޑޮލަރުގެ ފައިސާގެ ލޯނު ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިން ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
އެ ފައިސާގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިރޭ ކުރުނބާ ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރެވެ.
ސައުދީގެ ފަރާތުން ސޮއިކުރެއްވީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ވައިސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޔޫސުފް އަލް ބައްސާމް އެވެ. ލޯނުގެ ފައިސާ މިރޭ ދިވެހި ސަރުކާރަށް ހަވާލުކޮށްފައިވާ އިރު، އެ ލޯނަށް ވަނީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ދީފައެވެ.
ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަކީ 25 އަހަރެވެ.
އިބްރަހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 800 މިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫޢެކެވެ.
އިބްރަހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ 300 މިލިޔަން ޑޮލަރަށް، ސައުދީ ބިންލާދިން ގްރޫޕަށެވެ.
އެ މަޝްރޫއުގެ ތެރޭގައި އާ އިންޓަނޭޝަނަލް ޓާމިނަލް އެޅުމުގެ މަސައްކަތާއި 3400 މީޓަރުގެ ދިގު އަދި 65 މީޓަރުގެ ފުޅާ ރަންވޭއެއް ވެސް ގާއިމް ކުރުން ވެސް ހިމެނެއެވެ. އެއާޕޯޓުގެ އާ ރަންވޭ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.
އާ ޓާމިނަލް އަޅަނީ އަހަރު ދުވަހުގެ ތެރޭގައި 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށެވެ. އެއާޕޯޓް މިހާރު ބޭނުން ކުރަނީ އަހަރަކު އެވްރެޖުކޮށް ތިން މިލިއަން ފަސިންޖިރުންނެވެ. އާ ޓާމިނަލް އެއްފަހަރާ 3000 މީހުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި މިހާރު ހިދުމަތް ދެވޭވަރަކީ އެއްފަހަރާ 1000 މީހުންނަށެވެ.
އާ ޓާމިނަލްގެ ހާއްސަ ކަންކަން:
- 40 ޑީޕާޗާ ގޭޓް
- ހިޔާކޮށްފައިވާ 12 ޖެޓީ
- 78،000 އަކަ މީޓަރު ބޮޑު
- 38 އިމިގްރޭޝަން ކައުންޓަރު
- ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
- ބެގެޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
- ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް