05 Jun 2011, 15:42
އެއާޕޯޓް ސާވިސްޗާޖް ދެއްކުމުގައި އިހުމާލުވާ ފަރާތްތައް ބޮޑު އަދަބާއެކު ބޮޑެތި އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިދޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެ އޮތޯރިޓީން އެޓާނީ ޖެނެރެލަށާއި މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރާ ޖީއެމްއާރުން އެއާޕޯޓް ސާވިސްޗާޖް މީރާއަށް ދެއްކުމުގައި ދިމާވި ތަފާތު ގާނޫނީ މައްސަލަތަކާއި ގުޅިގެން އެފަދަ މައްސަލަ ތަކުރާރުވިޔަ ނުދިނުމުގެ ބޭނުމުގައި މިރާއިން ގާނޫނަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތަކުގެ ދަށުން މީރާ އަށް ހުށަހަޅަން ޖެހޭ ބަޔާން ޖެހިގެން އަންނަ މަހުގެ 28 ކުރިން ހުށަނާޅައިފި ނަމަ އަދި ގާނޫނުގެ ދަށުން ހެދޭ ގަވައިދުގައިވާ އެއްވެސް މައުލޫމާތެއް ނުދީފި ނަމަ 250000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ހަ މަސް ދުވަހުގެ މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށް ލުން ނުވަތަ ޖޫރިމަނާއާ އެކު ގޭގައި ބަންދުކުރުން އިހުތިޔާރު މީރާއަށް ލިބޭނެ އެވެ.
އެ ފީ ދެއްކުމަށް ގަސްތުގައި އެކަހެރިވާ ފަރާތަކާއި އެކަހެރިވުމަށް އެހީވެދޭ ފަރާތްތައް 500000ރ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއި އެކު ތިން މަސްދުވަހާއި 18 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށް ލުން ފަދަ އަދަބު ދިނުމަށް އެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
އެއްވެސް ސަބަބަކާއި ހުރެ ސާވިސް ޗާޖް ދައްކަން ޖެހޭ ތާރީހުގައި ނުދައްކާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމައް ވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން ފުރަތަމަ 30 ދުވަހަށް ނުދައްކާ އޮންނަ އަދަދުގެ 0.1 ޕަސެންޓް ޖޫރިމަނާކޮށް އަދި ފުރަތަމަ 30 ދުވަހަށް ވުރެ އިތުރުވާ ދުވަސްތަކަށް ނުދައްކާ އޮންނަ ފައިސާގެ ޖުމްލަ އަދަދުގެ 0.5 ޕަސެންޓް ޖޫރިމަނާކުރެވޭ ގޮތަށް ވެސް މީރާއިން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ލިޔުމުގައިވެ އެވެ.
ގާނޫނު ބައްޓަންވެފައިވާ ގޮތުން އެއާޕޯޓް ސާވިސް ޗާޖް ދެއްކުމުގައި އެކަހެރިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ އެއްވެސް އުސޫލެއް މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުގައި ކަޑައެޅިފައެއް ނެތެވެ. އެންމެ ދެ މާދާއެއްގެ މައްޗަށް އަމަލުކުރެވޭ އެ ގާނޫގައި ސާވިސް ޗާޖް ދައްކުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތެއްވެސް އަދި މުއްދަތެއްވެސް ބަޔާން ކޮށްފަ އެއްނުވެ އެވެ.
އެ ގާނޫނަށް އަލަށް ހުށަހަޅާ އިސްލާހުތައް ފާސްވެއްޖެ ނަމަ އެއާޕޯޓް ސާވިސް ޗާޖަކީ ޑިޕާޗާ ޓެކްސްއެއްގެ ގޮތުގައި ވެގެން ގޮސް އެ ޓެކްސް ނެގުމަކީ އެއާޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއް ކަމަށް ވެގެން ދާނެ އެވެ. މީރާއިން ގާނޫނަށް ގެންނަ އިސްލާހު ތަކާއި އެކު އެއާޕޯޓް ސާވިސް ޗާޖް ދައްކަން ޖެހޭނީ ޑޮލަރުން ނޫނީ މަރުކަޒީ ބޭންކް އެމްއެމްއޭއިން ގަބޫލު ކުރާ ބޭރުފައިސާތަކުގެ ތެރެއިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ކަޑައަޅުއްވާ ފައިސާ އަކުންނެވެ.