05 May 2010, 13:59
19:00
ތަސްދީގު ކުރެއްވިހާ އަވަހަކަށް، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދިވެހިން އުޅޭ ހުރިހާ ތަނެގައި ވޯޓުލުން ބާއްވަންޖެހޭނެ ކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހް ހުށަހަޅާނެ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީގެ ޕާލަމެންޓްރީ މެންބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްރުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލުގެ ހަތަރު ވަނަ މާއްދާގައި، އެ އިންތިހާބުގައި ވޯޓު ލެވޭނީ އެމީހެއްގެ ރަޖިސްޓްރީ އޮންނަ ރަށުގައި ކަމަށް ބުނެފައިވާތީ، ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު ނުލިބޭ ގޮތަށް ބިލު ފާށްކޮށްފައިވާ ކަމަށް ބުނެ އެތުހުމަތު އެމްޑީޕީން ޑީއާރުޕީގެ ބޮލުގައި އަޅުވަމުންދާ ކަމަށެވެ. ނަމަވެސް އެ މާއްދާ ބިލުގައި އެވަނީ، އެޓާނީޖެނެރަލްގެ އޮފީހުން ބިލު ފޮނުވިއިރުވެސް އޮތް ގޮތަށް ކަމަށްވެސް ނިހާނު ވިދާޅުވި އެވެ. އަދި އެ މާއްދާއަށް ބަދަލު ނުގެނަނީ، އެ އިންތިހާބަކީ ލޯކަލް އިންތިހާބަކަށް ވެފައި އެހުރިހާ ރަށަކާއި، ދިވެހިން ދިރިއުޅޭ ބޭރު ގައުމުތަކުގައި އިންތިހާބު ބާއްވަން ޖެހިއްޖެ ނަމަ ބޮޑެތި ހަރަދުތަކެއްވެ ދަތިތަކެއް ދިމާވުމުގެ އިތުރުން އެހެނިހެން ގައުމުތަކުގައި ވެސް ލޯކަލް އިންތިހާބުތައް ބާއްވަނީ އެގޮތަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާތީ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ. ނިހާނު ވިދާޅުވީ، މީހުން ދިއިރުޅޭ ރަށްރަށާއި ސިނާއީ ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތަކުގައި ވޯޓުލުމަށް ބޭނުންވާ ބަޖެޓް އިލެކްޝަންސް ކޮމިޝަނުގައި ނެތް ނަމަށް އެ ކޮމިޝަނަށް ބަޖެޓް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނަމަވެސް އެ ގޮތަށް ބިލަށް އިސްލާހް ގެންނަވާނެ ކަމަށެވެ.