25 Sep 2016, 18:31
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ބަލިވެ ކްލަބު އީގަލްސް އަށް ލިބުނު ބޮޑު ހިތްދަތިކަމާއެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ޗެމްޕިއަންކަން ކަށަވަރުވެއްޖެ އެވެ. މި މެޗުން އީގަލްސް މޮޅުވި ނަމަ، އެޓީމަށް ލީގު ހޯދުމުގެ ވަރަށް ހަނި ފުރުސަތެއް އޮތީހެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީ އަތުން އީގަލްސް ބަލިވެފައިވަނީ 3-0 ލަނޑުންނެވެ.
އެ މެޗުގެ ކުރިން ވެސް މާޒިޔާއަށް ވަނީ ލީގު ޗެމްޕިއަންކަން ލިބުމުގެ އުންމީދު ބޮޑުވެފައެވެ. ނަމަވެސް މާޒިޔާއަށް ލީގު ޗެމްޕިއަންކަން މިއަދު ކަށަވަރުވެފައިވަނީ އީގަލްސް ބަލިވެ، މާޒިޔާއަށް ބާކީ ތިން މެޗު އޮއްވައެވެ.
މިހާރު ލީގު ތާވަލަށް ބަލައިލާއިރު، މާޒިޔާ އަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 32 ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާ އާއި އީގަލްސްއާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ކޮންމެ ޓީމެއް ވެސް ލީގުގައި ބާކީ ކުޅެން ޖެހޭނީ ތިން މެޗެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީގެ އޮމޮދޫ ގޮޑްފްރޭ ވެސްޓް އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އިރު، އީގަލްސްގެ މުހައްމަދު ސެޑިކް އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-0 ލަނޑުން ކާމިޔާބުކުރީ ވިކްޓަރީ --- ފޮޓޯ: ނިޝާން އަލީ
މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އޮމޮދޫ އަށް ކުރި ފައުލަކާ ގުޅިގެން އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ.
ސުޖަން އަށް ރަތް ކާޑު ދެއްކުމާއެކު ވިކްޓަރީން ހިލޭ ޖެހުން ފޮނުވާލުމުގެ ކުރިން އަބްދުﷲ ސަމީހު މޫސާގެ ބަދަލުގައި އީގަލްސްގެ ބަދަލު ކީޕަރު މުހައްމަދު ޝަފީއު ކުޅެން ނުކުތެވެ. ވިކްޓަރީގެ ހިލޭ ޖެހުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިގެން މޮޅަށް ކުޅެމުންދިޔައީ އީގަލްސް އިންނެވެ. އެގޮތުން އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު އީގަލްސްގެ އަހްމަދު ރިޒްވާން އާއި މުޖުތާޒް މުހައްމަދަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.
މެޗުގެ 58 މިނެޓުގައި ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު ސާއިފް ކުރި ފައުލަކާ ގުޅިގެން އީގަލްސް އަށް ލިބުނު ޕެނަލްޓީން ސެޑިކް ފޮނުވާލި ހަމަލާ، ކީޕަރު އިބްރާހިމް އިފްރާހް އަރީފް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ކައުންޓަ އެޓޭކަކުން ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ވިކްޓަރީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ކީޕަރު ޝަފީއު ކައިރިން ނައްޓާލުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ވިކްޓަރީން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ވިކްޓަރީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިސްވާން އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.