މާލީ ދަތިތަކެއް ކުރިމަތިވެފައިވާ، ރާއްޖޭގެ އަމިއްލަ އިނަޓަނޭޝަނަލް އެއާލައިން މެގަ މޯލްޑިވްސްއިން ބޯޓެއް ކުއްޔަށް ގެނެސްފި އެވެ.

ރޭ މެގަ މޯލްޑިވްސްއިން ގެނެސްފައިވަނީ ބޮއިންގް 800-737 މަރުކާގެ ފްލައިޓެކެވެ. މެގަ މޯލްޑިވްސްއިން ބުނާ ގޮތުގައި މިއީ ޗެކު ރިޕަބްލިކްގެ އޮޕަރޭޓަރެއް ކަމުގައިވާ ޓްރެވަލް ސާވިސެސްއިން ކުއްޔަށް ގެނައި ފްލައިޓެކެވެ. އެހެން ނަމަވެސް މި ބޯޓުގެ ބޭރުގައި ހުންނާނީ މެގަ މޯލްޑިވްސްގެ ފްލައިޓުތަކުގެ ޑިޒައިނެވެ. އަދި ބޯޓުގެ ފަހަތު ފިޔައިގައި މެގަ މޯލްޑިވްސްގެ ލޯގޯ ޖަހާފައި ވަނީ އެހެން ފްލައިޓުތަކާ ތަފާތުކޮށެވެ.

މީގެ އިތުރުން އެ ފްލައިޓުގެ ދެފަރާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ "ވިޒިޓް މޯލްޑިވްސް" ލޯގޯ ބޮޑުކޮށް ފެންނަ ގޮތަށް ޖަހާފައި ވެ އެވެ.

މި ފްލައިޓުގައި ބިޒްނަސް ކްލާހުގައި 12 ފަސިންޖަރުންނާ އެކު ޖުމްލަ 168 ފަސިންޖަރުންގެ ކެޕޭސިޓީ ހުންނާނެ އެވެ.

މެގަ މޯލްޑިވްސްއިން ބުނާ ގޮތުގައި އެ ކުންފުނިން އިންޑިއާއާއި ލަންކާ ފަދަ މަންޒިލުތަކަށް މި އަހަރުގެ ފަހުކޮޅު ފަށާ ދަތުރުތަކުގައި މި ފްލައިޓު ބޭނުން ކުރެވޭނެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މެގަ މޯލްޑިވްސްއިން މިހާރު ވަނީ މި ފްލައިޓުގައި މަސައްކަތް ކުރާނެ ކްރޫއިން ކަނޑައަޅައި، ފްލައިޓުގައި ހަދަން ޖެހޭ ޓްރޭނިންގްތައް ހަދަން ފަށާފައެވެ.

މެގަ މޯލްޑިވްސްއިން މިދިޔަ މަހު ބުނީ އެ ކުންފުނީގެ ފްލައިޓުތަކުގެ އެންމެ ބޮޑު މާކެޓު ކަމުގައިވާ ޗައިނާ މާކެޓު ދަށްވުމުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު ގޯސްވަމުންދާ ކަމަށެވެ.

އެހެންކަމުން އެ ކުންފުނީގެ ބައެއް އެއާކްރާފްޓުތައް ބޭނުން ކުރުން ހުއްޓާލައި، 114 މުވައްޒަފެއް ވަޒީފާއިން ވަކިކުރުމަށް އެކުންފުނިން ނިންމި އެވެ.

މިހާރު މެގަ މޯލްޑިވްސްއިން ބޭނުންކުރަމުން އަންނަނީ ބޮއިންގް 767 މަރުކާގެ ދެ ބޯޓެވެ. ރޭ ގެނައި 737 މަރުކާގެ ބޯޓާ އެކު، މިހާރު އެ އެއާލައިނުގެ ފްލީޓަށް ބޯޓެއް އިތުރުވީ އެވެ.