25 Sep 2016, 18:00
ރާއްޖޭގެ ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތްތަކަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ މަސައްކަތްތަކަށް ހެދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނިގޮތުގައި، ޙަލާލް ސެޓްފިކެޓްގެ މަސައްކަތްތަކަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ މަސައްކަތެއްގެ ގޮތުގައި ހެދުމުގެ މަޤްސަދުގައި މެލޭޝިޔާގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓާ އެކު އެ މިނިސްޓްރީން ވަނީ މަސައްކަތްތަކެއް ފަށައިފައެވެ.
އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދުގެ ދަޢުވަތަކަށް މިމަހުގެ 19 އިން 23 އަށް މެލޭޝިޔާގެ ޖަކިމްގެ ބޭފުޅުން ރާއްޖޭގެ ޙަލާލް ސެޓްފިކޭޓް ދޫކުރުމުގެ މަސައްކަތްތައް އޯޑިޓް ކުރުމަށް ވަޑައިގެންނެވިކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މެލޭޝިއާގެ ޖަކިމްގެ ބޭފުޅުން އިސްލާމިކް މިނިސްޓްރީގެ ބައްދަލު ކުރައްވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މެލޭޝިޔާގެ ޙަލާލް ސެޓްފިކެޓް ދޫކުރުމާބެހޭ މައި އިދާރާކަމަށްވާ ޖަކިމްގެޙަލާލް ސެޓްފިކޭޝަންގެ މިންގަނޑުތަކަކީ ދުނިޔޭގެ ގިނަ އިސްލާމީ ޤައުމުތަކެއްބަލައިގަނެފައިވާ މިންގަނޑުތަކެކެވެ. މި އިދާރާއަކީ މެލޭޝިޔާގެ މިނިސްޓްރީ އޮފް އިސްލާމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ އިދާރާއެކެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ޙަލާލް ސެޓްފިކޭޝަންގެ މަސައްކަތްތަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މަސައްކަތްތަކެއް ކަމުގައި ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ޙަލާލް ސެޓްފިކޭޓް ދޫކޮށްފައިވާ ދެ ކުންފުންޏަކަށް ޖަކިމްގެ ބޭފުޅުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއޮޑިޓްގައި ޒިޔާރަތްކޮށްފައިވަނީ ލ. މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފެކްޓްރީތަކަށެވެ.
ޖަކިމްގެ ޓީމާ އެކު މި މަސައްކަތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ބޭފުޅުންގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވެސް ބައިވެރިވެވަޑައިގަތެވެ.