ސީރިއާގެ އެލީޕޯގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މި ބައްދަލުވުން އޮންނާނީ ޖީއެމްޓީ ގަޑިން މިއަދު 15:00 ގަ އެވެ. މި ބައްދަލުވުން ބޭއްވުމަށް އެދިފައި ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސްގެ އެދުމުގެ މަތިންނެވެ.

އދ. އިން މިފަދަ ބައްދަލުވުމަކަށް ތައްޔާރުވެފައިވާ އިރު ހޮނިހިރު ދުވަހު ސީރިއާގެ އަސްކަރިއްޔާ އިން ދިން ހަމަލާތަކެއްގައި އާންމުންގެ 45 މީހަކު ވަނީ މަރުވެފަ އެވެ. މިހަމަލާތައް ދީފައި ވަނީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދިނުމަށްފަހުގައި ކަމަށް ވީ ނަމަވެސް އެ ހަމަލާތަކުގައި ބޭނުން ކޮށްފައި ވަނީ ބަރު ހަތިޔާރުތައް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސީރިއާގައި އުފެދިފައިވާ ދާޚިލީ ހަނގުރާމައިގައި ކުށެއް ނެތް އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. (އަލް އަރަބިއްޔާ)