05 Jun 2011, 15:29
އިންސާނެއްގެ މޫނު ސިފަވާ ގޮތަކަށް އިންނަ ކޫޑިއެއް ކ. ގާފަރުގެ ފަޅޯގަސްތަކުން ފެންނަން ފަށައިފި އެވެ.
ގާފަރުން ވާހަކަދެއްކި ބައެއް މީހުން މިއަދު ބުނީ އެ ރަށުގެ ފަޅޯ ގަސްތަކުން ފެންނަނީ ބިރުވެރި ސިފައަކަށް އިންނަ ކުޑަކުޑަ ދިރޭ ސޫތްޕެއް ކަމަށާއި އެ ރަށުގެ ބައެއް ގަސްތަކުން އޭތި ފެނިގެން ބައެއް ގޭގޭގެ ކުދިން ބިރުން އުޅޭތީ ރަށުގެ ވަރަށް ގިނަ ފަޅޯ ގަސްތައް ވެސް ކަނޑާލާފައިވާ ކަމަށެވެ. އޭނާ އަދި ބުނީ އެންމެ ފަހުން އެއެއްޗެހިތައް ފެނުނު ގެއިން ވެސް ފަޅޯ ގަސް ކަނޑާލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އޭގެ ކޫޑިއެއް ފަޅޮޅެއްގައި އިންދާ ފެނިފައިވާ ކަމަށާއި ފަހުން އެ ގަހުގެ ފަތްތައް ބެލިއިރު ފަތްތަކުގެ ދަށުގައި ތިބި އޭގެ ދިހަ ކޫޑި ފެނިފައިވާ ކަމަށެވެ.
" އޭތި އިންނަނީ ވަރަށް ރީއްޗަށް ގަހުގެ ފަތުގެ ދަށުގައި ބޮލި އެއްޗެހި އިންނަ ގޮތަށް ތަތްކޮށްލައިގެން، ގަސް ކަނޑާލުމާއެކު އެގޭ ކުދިންނަށް ފެނުނީ ފަޅޮލެއްގައި އޭގެ އެއްޗެއް އިންދާ، ދެން ރަށުގެ އެކިއެކި މީސްމީހުން އައިސް ފަތުގައި ބައިދައިގެން އެއެއްޗެހި ފޮޓޯ ނަގާށާއި މީސްމީހުންނަށް ދައްކަން ވެގެން ގެންދިޔައީ،" އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
އިންސާނެއްގެ މޫނު ސިފަވާ ގޮތަށް ފެންނަ ކޫޑި ފުރަތަމަ ފެނިފައި ވަނީ އެރަށުގެ ގޮނޑުދޮށުގައި ހުންނަ ގެއަކުންނެވެ. އެދުވަހު އެގޭ ކުދިން ވެސް އޭތި ފޮޓޯ ނަގައިގެން ރަށު ތެރޭގައި ގެންގުޅުނު ކަމަށްވެ އެވެ. އޭގެ ފަހުން ފެނުނީ އެރަށު އެހެން ގެއެއްގައި ހުރި ފަޅޯ ގަހަކުންނެވެ. އެފަހަރު އެގޭ ކުދިން ބިރުން އުޅެން ފެށުމުން އެގަސް ވެސް ވަނީ ކަނޑައިލާފަ އެވެ.
އިންސާނެއްގެ މޫނުގެ ކަށިގަނޑު، ސްކަލް އެއްހެން އިންނަ ދިރޭ އެތި ގިނައިން ފެންނަނީ ކޫޑިއަޅާފައި ހުންނަ ފަޅޯގަސްތަކުން ކަމަށް އެރަށުގެ ބައެއް މީހުން ބުނެ އެވެ. އެރަށުގެ ގިނަ ބަޔަކު ބުނަނީ މީގެކުރިން ދުވަހަކުވެސް އެރަށުން އެފަދަ ބިރުވެރި ސިފައެއްގައި އިން އެއްޗެއް ގަހަކުން ފެނިފައިނުވާ ކަމަށެވެ.