25 Sep 2016, 15:19
ވޮޝިންޓަން (ސެޕްޓެމްބަރު 25) : އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގެ ވިޔަފާރި މަރުކަޒެއް ކަމަށްވާ ކަސްކީޑް މޯލްއަށް ބަޑިން ޙަމަލާދީ ފަސް މީހުން މަރާލި މީހާ އަތުލައިގެންފި އެވެ.
އެސްޓޭޓްގެ ފުލުހުން ބުނި ގޮތުގައި އަރްކާންސެޓިން ނަމަކަށްކިޔާ މިމީހާއަކީ ކަސްކީޑްމޯލްއަށް ބަޑިން ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ ކަމަށާ އޭނާއަކީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޒުވާނެއް ކަމުގައެވެ. އަރްކާން އުފަންވެފައި ވެސް ވަނީ ވޮޝިންޓަންގަ އެވެ. ހައްޔަރު ކުރުމަށް ފަހު ވޮޝިންޓަންގެ ފުލުހުން އަރްކާންޖެޓިންއާ ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ. ފުލުހުން ބުނީ އަރްކާން މިޖަރީމާ ހިންގި ސަބަބު އަދި ސާފުނުވާ ކަމަށާއި އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާ އަދި މިއީ ޓެރަރިސްޓް ހަމަލާއެއްކަމަށް ވެސް ނުބެލެވޭ ކަމުގަ އެވެ. ނަމަވެސް އެފްބީއައިގެ މަސްއޫލުވެރިން ވިދާޅުވީ މިކަމާ ބެހޭ ތަހްގީގްތައް ފުރިހަމަވުމުން ނޫނީ މިއީ ފަރުދީ ހަމަލާއެއްކަން ނޫނީ ރާވައިގެންދިން ޓެރަރިސްޓް ހަމަލާއެއްކަން ބުނަންނޭނގޭ ކަމުގަ އެވެ.
އަރްކާން ދިން ބަޑީގެ ހަމަލާތަކުގައި ފަސް މީހުން މަރުވި އިރު މީގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ފިރިހެނެކެވެ. އަރަކާން ބަޑިން ހަމަލާތައްދިން މޯލް ހުންނަނީ ވޮޝިންޓަން ސްޓޭޓްގެ ބާލިންގްޓަންގަ އެވެ. މި ޙާދިސާއާ އެކު އެ ވިޔަފާރި މަރުކަޒު ބަންދުކޮށް އަރަކާން ހޯދުމުގެ މަސައްކަތް ފުލުހުން ފެށި އެވެ.
ވޮޝިންޓަން ސްޓޭޓަށް މިހަމަލާ ދީފައިމި ވަނީ އެމެރިކާގެ އާންމުން ބަޑިގެންގުޅޭ މައްސަލާގައި އެމެރިކާގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދުވަސްވަރެއްގަ އެވެ. އެމެރިކާގެ ދަސްތޫރުގައި ބަޑިގެންގުޅުމުގެ ހައްގު އެގައުމުގެ އާންމު ރައްޔިތުންނަށް ލިބިދޭތީ މިކަން މަނާކުރުން ވަނީ ބޮޑުމައްސަލައަކަށް ވެފައެވެ. ނަމަވެސް އާންމުންގެ މެދުގައި ބަދަލުކުރެވޭ ބަޑީގެ ހަމަލާތަކުގައި ދުވާލެއްގެ މައްޗަށް އެމެރިކާގައި މަދުވެގެން 90 މީހުން މަރުވާކަމަށް އެމެރިކާގެ ފުލުހުންގެ ރިޕޯޓްތައް ބުނެ އެވެ. އެމެރިކާގެ އެތަށް ސްޓޭޓެއްގައި ދާދިފަހުން ވަނީ މިފަދަ އެތައް ޙާދިސާއެއް ހިނގައި އެތަށް ބަޔަކު މަރާލާފަ އެވެ. (ސީއެންއެން)