25 Sep 2016, 15:08
ރާއްޖެ އިން ބައިނަލް އަގުވާމީ މުޖުތަމައުއާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.
ނިއުޔޯކްގައި ކުރިއަށްދާ އދ.ގެ އާންމު ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޭރު ދުނިޔޭގެ ފާޑުކިއުންތައް ރާއްޖެއާ އަމާޒުވެފައިވާ ކަމަށާއި ނަމަވެސް އެ ފާޑުކިއުންތައް އޮންނަން ޖެހޭނީ ވަކި ވަރެއްގައި ކަމަށެވެ. އަދި އަމިއްލައަށް ކުރިއަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ދޭން ޖެހޭ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމަށް ފައިދާ ހުރި ގޮތްތައް ކިޔައިދީ، އެފަދަ ބިނާ ކުރަނިވި ފާޑުކިއުންތައް ކިޔަން ޖެހޭނެ ކަމަށެވެ. ނަމަވެސް މެދުކެނޑުމެއްނެތި ފާޑުކިޔާ ނަމަ ކުރިއަރައިދިއުމުގެ ފުރުސަތު ރާއްޖެ އަށް ހަނިވާ ކަމަށް އާސިމް ވިދާޅުވި އެވެ.
ރާއްޖެއާ އަމާޒުވެފައިވާ އެންމެ ބޮޑު ފާޑުކިއުމަކީ އަބުރުގެ ބިލާ ގުޅިގެން ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ.
ބައިނަލްއަގުވާމީ މުޖުތަމައުއާ އެކު މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް ރާއްޖެ އިން ބުނެފައި މިވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނާފައިވަނިކޮށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން، ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ވަކާލާތު ކުރުމުން ދާ ދަނޑިވަޅެއްގަ އެވެ.
ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނަން ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.