25 Sep 2016, 14:54
މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާ އިރު މި އަހަރު އޮގަސްޓް މަހު ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު އަށް ޕަސެންޓް އިތުރުވެ، ރާއްޖެއިން މުދާ ބޭރުކުރި މިންވަރު 18 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ކަސްޓަމްސް އިން ބުނީ ފާއިތުވި އޮގަސްޓް މަހު ރާއްޖެ އަށް އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު މި ދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު އަށް ޕަސެންޓް އިތުރު ކަމަށެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެ އަށް އެތެރެކޮށްފައި ވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ އޮގަސްޓް މަހު އެ އަދަދު ވަނީ 2.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ކަސްޓަމްސް އިން ބުނީ އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރު އޮގަސްޓް މަހު ހަތް ޕަސެންޓް ދަށްވެފައި ކަމަށެވެ. ފާއިތުވި އޮގަސްޓް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ލިބުނީ 209.8 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު 224.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ކަސްޓަމްސް އިން ބުނީ އިމްޕޯޓްކުރި މިންވަރު އިތުރުވެފައިވީ ނަމަވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައި ވަނީ ޑިއުޓީ ނަގާ މުދާ އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ދަށްވެފައިވާތީ ކަމަށެވެ.
ރާއްޖެއިން މުދާ ބޭރުކުރި މިންވަރު އިތުރުވެފައިވާ އިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހު 210 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ. މި އަހަރުގެ އޮގަސްޓް މަހު އެ އަދަދު ވަނީ 172 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާ މިންވަރު ދަށްވެފައިވީ ނަމަވެސް މިދިޔަ ޖޫން އަދި ޖުލައި މަހާ އަޅާބަލާއިރު ރާއްޖެ އިން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރެވުނު މިންވަރު މިދިޔަ އޮގަސްޓް މަހު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.
އެގޮތުން މިދިޔަ ޖުލައިމަހާ އަޅާބަލާއިރު އޮގަސްޓް މަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ މިންވަރު ގާތްގަނޑަކަށް ދެގުނަ އަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްސް ގެ ހިސާބުތަކުން ދައްކަ އެވެ.