ހުޅުމާލޭގައި ކަރަންޓިން ފެސިލިޓީގެ ޑިޒައިން ކޮންސަލްޓެންސީގެ ހިދުމަތް ގެޑޯ ކޮންސަލްޓަންޓްސް އަދި ހަލްހަބްޝީ ކޮންސަލްޓަންސީ، ޖޮއިންޓް ވެންޗާ އާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ނުރައްކާތެރި ބައްޔެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އުފެދިގެން ދާ ހާއްސަ ހާލަތްތަކާއި އާއްމުކޮށް ފަސޭހައިން ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ނުރައްކާތެރި ބަލިތަކުން ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ގާއިމް ކުރުމަށް ހަމަޖެއްސި ކަރަންޓިން ފެސިލިޓީއަކީ އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް (އައިޑީބީ)ގެ އެހީގައި ހިންގާ މަޝްރޫއެކެވެ. އެގޮތުން އައިޑީބީ އިން ސަރުކާރަށް ވަނީ 4.06 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މިހާރު ވެސް ކަރަންޓީން ކުރަން ޖެހޭ ހާލަތެއް އައި ކަމުގައި ވިިޔަސް އެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށާއި ނަމަވެސް އެ ވަސީލަތަކީ ރާއްޖެ އިން ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާ "އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް"ގެ ދަށުން ރާއްޖޭގައި ގާއިމް ކޮށްފައި ހުރުން ލާޒިމް ވަސީލަތެއް ކަމަށެވެ.

ކަރަންޓިން ފެސިލިޓީގެ ޑިޒައިން ކޮންސަލްޓެންސީގެ ހިދުމަތް ގެޑޯ ކޮންސަލްޓަންޓްސް އަދި ހަލްހަބްޝީ ކޮންސަލްޓަންސީ، ޖޮއިންޓް ވެންޗާ އާއި އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"މިއަދު ކަރަންޓިން ކުރުމުގެ ހާލަތެއް އަޔަސް އަޅުގަނޑުމެން އެކަން ކުރާނަން. އެ އިންތިޒާމް އަޅުގަނޑުމެން ރާވާނަން. އެހެންނަމަވެސް ވަކި އިމާރާތެއް އެކަމަށް ގާއިމްކޮށް އެކަމަށް ޓެކްނޮލޮޖީއާއި ވަސީލަތްތައް ގާއިމް ކުރެވުމަކީ މިކަމުގައި ކުރިއަށް އެޅޭ ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ފެސިލިޓީގެ ދަށުން އެއްފަހަރާ 50 މީހުން ކަރަންޓިންކޮށް ފަރުވާ ކުރަން ޖެހޭ މީހުންނަށް ދޭންޖެހޭ ފަރުވާ ފޯރުކޮށްދިނުމުގެ ވަސީލަތް ފުރިހަމައަށް ގާއިމް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހުޅުމާލޭގައި ގާއިމްކުރާ ކަރަންޓިން ފެސިލިޓީގެ ހިދުމަތް ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ގާއިމް ކޮށް ރައްޔިތުންނަށް ހިދުމަތް ދެވޭ ވަރު ވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.