25 Sep 2016, 14:40
މާލޭގެ ހަ ވަނަ އަވަށް ހުޅުމާލޭގެ ކުށްކުރުން މަދުކުރުމަށް އާބާދީއާއި އެއްވަރަށް ފުލުހުންނެތް ކަމަށް ފުލުހުން ބުނެފި އެވެ.
އެއަވަށުގައި 70000 އެއްހާ މީހުން ދިރިއުޅޭއިރު ސަލާމަތީ ކަންކަން ބަލަހައްޓަން އުޅެނީ 70 ވަރަކަށް ފުލުހުންނެވެ. އެއަވަށުގައި ބަނގުރަލާއި ވައްކަމުގެ މައްސަލަތައް އިތުރެވެ، އަދ ނުރައްކާތެރި އެކްސިޑެންޓްތައް ދޭތެރެދޭތެރެއިން ހިނގަ އެވެ.
ހުޅުމާލޭ ޕޮލިސް ސްޓޭޝަނާ ހަވާލުވެ ހުންނަވާ ޗީފް އިނިސްޕެކްޓާ އަޒީމް ވަހީދު ވިދާޅުވީ ހުޅުމާލޭގެ އާބާދީއާ އެއްވަރަށް ހުޅުމާލޭގައި ފުލުހުންނެތް ކަމަށާއި އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށެވެ.

ކައިރި މުސްތަގުބަލެއްގައި އިތުރު ވަސީލަތްތައް ލިބޭނެ ކަމަށް ގަބޫލް ކުރާއިރު މިހާރު ވެސް ފުލުހުން މަސައްކަތް ކުރަނީ ލިބިފައި ހުރި ވަސީލަތްތައް މެދުވެރިކޮށް އެންމެ ރަނގަޅު ހިދުމަތް ދިނުމަށް ކަމަށް އަޒީމް ވިދާޅުވި އެވެ.
"މިހާރު މިއޮތް ސުޓްރެންތުގައި ވެސް އަޅުގަނޑުމެން ހުއްޓާނުލައި މަސައްކަތް ކުރިއަށް ގެންދާނަން،" އަޒީމް ވިދާޅުވި އެވެ.
ހުޅުމާލެއަކީ ކުށްކުރާ ފަރާތްތަކުން ފިލަންދާ އަވަށަކަށް ހަދާފައިވާ ކަމަށާއި މާލޭގެ ގޭންގްތަކާއި ހުޅުމާލޭގެ ގޭންގްތަކާ ގުޅުން އޮންނަ ކަމަށް އަޒީމް ވިދާޅުވި އެވެ. އެއަވަށުގައި ހަތަރު ވަރަކަށް ގުރޫޕު އޮންނަ އިރު އެމީހުން މޮނީޓާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގައި މާރާމާރީތައް ހިނގައިފި ނަމަ އަޅުގަނޑުމެން މިކޮޅުގައި ހާއްސަ ސަމާލުކަމެއް ދެން ގުރޫޕުތަކަށް، އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ވެސް މޮނީޓާ ކުރަން،" އަޒީމް ވިދާޅުވި އެވެ.
ވައްކަމާއި ފޭރުމުގެ ރެކޯޑް އޮންނަ ފަރާތްތަކަށް ހާއްސަ މޮނީޓާއެއް ކުރާއިރު އެ ކުށްކުރާ ފަރާތްތަކުން އިތުރު ކުށެއް ކުރުމުގެ ކުރިން ދައުވާ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އަޒީމް ވިދާޅުވި އެވެ. އާބާދީއާ އަޅާބަލާއިރު ކުށް މަދުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހުޅުމާލެއަށް ފުލުހުން އިތުރުނުކުރެވިފައި ވަނީ މީގެ 10 އަހަރު ކުރިން ފުލުހުންނަށް ދީފައިވާ ޕޮލިސް ސްޓޭޝަންއަށް ބަދަލުތައް ނުގެނެވިގެންނެވެ. ފުލުހުންގެ އޮފީހެއް އެޅުމަށް ހުޅުމާލެއިން ބިން ދީފައިވީ ނަމަވެސް އަދި އެމަސައްކަތެއް ނުކުރެ އެވެ.