ދިވެހި ރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނު ދެނެގަތުން އެ ނަމުގައި މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ފޮތެއް ނެރެފި އެވެ.

ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ހުސްނު ސުއޫދު ލިޔުއްވައި ނެރުނު އެ ފޮތުގައި 400 ސޮފްހާ އޮންނާނެ ކަމަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ބުންޏެވެ.

އެ ފޮތުގައި 2004 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގެ ކޯޓުތަކުން ކޮންޓްރެކްޓާ ބެހޭ ގާނޫނު ތަރުތީބު ކޮށްފައިވާ އެތައް ސަތޭކަ ގަޒިއްޔާއެއް ދިރާސާކޮށް ހިމާނާފައިވާނެ ކަމަށް ވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ނެރުނު އެ ފޮތަކީ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ގާނޫނީ ދާއިރާ އިން ސުއޫދު ނެރުއްވި ނުވަ ވަނަ ފޮތެވެ. ސުއޫދު ލިޔުއްވި ފޮތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމާ ގުޅޭ ގޮތުން ލިޔުއްވި ދެ ފޮތާއި ކުންފުންޏާ ބެހޭ ގާނޫނުގެ ގޮތުން ލިޔުއްވި ދެ ފޮތް ހިމެނެ އެވެ. އަދި ގާނޫނީ މުޖުތަމައުގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތްވެސް ހިމެނެ އެވެ.