25 Sep 2016, 13:06
ސްޕެނިޝް ލަލީގާގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލަސް ޕަލްމާސް އަތުން ޕޮއިންޓެއް ލިބުނު އިރު، ސްޕޯޓިން ގިޔޮން އަތުން ފަސޭހަކަމާ އެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ރޭ ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ގިޔޮންއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުވެފައި ވަނީ 5-0 ލަނޑުންނެވެ.
އެ ނަތީޖާތަކާ އެކު ތާވަލުގެ އެއް ވަނައިގައި 14 ޕޮއިންޓާ އެކު ރެއާލް އޮތް އިރު، ދެ ވަނައިގައި އޮތް ބާސާ އަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެތުލެޓިކް ކްލަބަށް 12 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.
ލަސް ޕަލްމާސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެމުންދިޔަ ރެއާލުން ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި އިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ވެސް ރެއާލުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ: ރޮއިޓާސް
ރެއާލުން ލީޑު ނެގިތާ ފަސް މިނެޓު ފަހުން ލަސް ޕަލްމާސް އިން ވަނީ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލަސް ޕަލްމާސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ޕެޑްރޯ ޓައުނޯސޫ އެވެ. އޭނާ އުފެއްދި ހަމަލާ އަމާޒުވެފައި ވަނީ ރެއާލް ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ރެއާލްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ނަމަވެސް އޭނާ އުފެއްދި އެއްވެސް ހަމަލާއެއް ލަސް ޕަލްމާސްގެ ގޯލުގެ ތެރެއަށް ވަދެފައެއް ނުވެ އެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފަ އެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ ރޮނާލްޑޯ އުފެއްދި ހަމަލާ، ލަސް ޕަލްމާސްގެ ގޯލްކީޕަރު ޖަވީ ވަރާސް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ.
ލަސް ޕަލްމާސް އިން ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ލަސް ޕަލްމާސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް އާޖެންޓީނާ ފޯވަޑް ސާޖިއޯ އަރައުޖޯ އެވެ.

ސްޕެނިޝް ލަލީގާގައި ސްޕޯޓިން ގިޔޮން ކޮޅަށް ނޭމާ ކާމިޔާބުކުރި ލަނޑަކަށް ފަހު ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗުން ބާސާ މޮޅުވެފައިވަނީ 5-0 ލަނޑުން --- ފޮޓޯ: ރޮއިޓާސް
ރަށުން ބޭރުގައި ރޭ ސްޕޯޓިން ގިޔޮންއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ބާސާ އިން ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ. އަނިޔާއާ ގުޅިގެން ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ނުލައި ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި އުރުގުއާއީ ފޯވަޑް ބާސާ އަށް ލީޑު ނަގައިދިން އިރު، މެޗުގެ 32 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގައި ބާސާ އިން ކާމިޔާބުކުރި ފަހު ތިން ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހު ދިހަ މިނެޓް ތެރޭގަ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި ބާސާގެ ތިން ވަނަ ލަނޑު ބްރެޒިލް ތަރި ނޭމާ ކާމިޔާބުކޮށްދިން އިރު، މެޗުގެ 85 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަރްދާ ތުރާން އެވެ. އަދި ބާސާގެ ފަހު ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ނޭމާ އެވެ.