25 Sep 2016, 13:38
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން ދެމުން އަންނަ ޑިސްއެބިލިޓީ އެވޯޑް މި އަހަރު 15 ފަރާތަކަށް ދީފި އެވެ.
ޖެންޑާ މިނިސްޓްރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ކައުންސިލްގެ ފަރާތުން ދެމުން އަންނަ ޑިސްއެބިލިޓީ އެވޯޑް ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި 15 ފަރާތަކަށް އެވޯޑް ދީފައިވަނީ ނުވަ ދާއިރާއަކުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ކައުންސިލުން ބުނި ގޮތުގައި ޑިސްއެބިލިޓީ އެވޯޑަށް ނަން ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 45 ފަރާތަކުން އެވޯޑަށް ކުރިމަތިލި ކަމަށެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް ދެ އެވޯޑެއް މިއަދު ދީފައިވާ އިރު، އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަސް ފަރާތްތަކަށާއި ރާއްޖެ އަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެވޯޑް ދީފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް:
މުހައްމަދު އައްވާމު، އާސަމް/ ސ. މީދޫ
- ދީނާ ލަތީފް، ނާރެސް، ގދ. ފަރެސްމާތޮޑާ
- ނަޒީހާ އަބްދުއް ސައްތާރު، ދިލްބަހާރުގެ، ހދ. ކުރިނބި
- އަލްހާފިޒު އަބްދުލް ރަޝީދު މުހައްމަދު، ވަވަތި، ށ. ފޭދޫ
- އަހުމަދު ނަޖީބު، ފީރޯޒުގެ، ގއ. ވިލިނގިލި
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް މަސައްކަތްކުރާ ފާރަތްތަކަށް ހާއްސަ ކެޓެގަރީތަކުގެ ތެރެއިން ފަސް ދާއިރާއަކުން މިއަދުގެ ރަސްމިއްޔާތުގައި އެވޯޑް ދީފައިވެ އެވެ.
އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން އެވޯޑް ލިބިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމު ފޯރުކޮށްދިނުމުގައި 12 އަހަރު ހޭދަކުރައްވާފައިވާ ޝަތުރަތް ޝާކިރު، ދުންތަރި، ގދ. ތިނަދޫ އަދި އޯޓިޒަމް އާއި ޑައުންސިންޑުރަމް ކުދިންނަށް ހިލޭ ޓިއުޝަން ނަގައިދޭ އެފަދަ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ހިންގާ ޕްރޮގްރާމްތަކަށް ސްޕޮންސާ ދެއްވަމުން ގެންދަވާ ޒިހުނަތު ހަސަން، ޒައިމާގެ، ސ. ހިތަދޫ އެވެ.
ނުކުޅެދުންތެރިކަމުގެ ހާލަތުތައް ރަނގަޅުކުރުމަށް ފަންނީ ގޮތުން މަސައްކަތްކުރާ ފަރާތްތަކުގެ ދާއިރާއިން ވެސް ދެ ބޭފުޅަކަށް އިނާމު ލިބިފައިވެ އެވެ. އެ ދެބޭފުޅުންނަކީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސެއިން، މ. ޖަވާހިރުވާދީ އަދި ފާތިމަތު ޒަމީލް، މއ. ވާވެޔޮވިލާ އެވެ.
ތައުލީމީ ދާއިރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ސްކޫލްތަކުގެ ތެރެއިން މާލޭގެ ސްކޫލްތަކުގެ ތެރެއިން އެ އެވޯޑް ލިބުނީ އަޑުއިވުމުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ހާއްސަ ކުލާސްތައް ހިންގަމުން އަންނަ ޖަމާލުއްދީން ސްކޫލަށެވެ.
އަތޮޅު ތެރެއިން އެ އެވޯޑް ލިބުނީ 2011 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދޭން ހާއްސަ ސެން ކުލާހެއް އުފައްދާފައިވާ ޏ. ފުވައްމުލަކުގައި ހުންނަ ހާފިޒު އަހުމަދު ސްކޫލަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ގޮތުން މައުލޫމާތު ފެތުރުމުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތަކަށް ހޮވުނު ވީމީޑިއާ ގްރޫޕުން ހިންގަމުން އަންނަ ރޭޑިއޯ ޗެނަލް، ވީއެފްއެމް 99 އަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ހޮވުނު އަލިފުޅުތުއްތު ފައުންޑޭޝަނަށް ވެސް މިއަދުގެ ރަސްމިއްޔަތުގައި ވަނީ އެވޯޑް ދީފަ އެވެ.
އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދޭ އެންމެ ފާހަގަކޮށްލެވޭ ފަރާތައް ހޮވުނު އެމްޓީސީސީ އަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ އަމިއްލަ ޖަމިއްޔާ އަށް ހޮވުނީ ބިއުޓިފުލް އައިސް ޑައުން ސިންޑްރަމް އެސޯސިއޭޝަނަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.