25 Sep 2016, 12:23
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އިއްވާފައިވާ ހަ މަހުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ އަވަސް ކޮށްދިނުމަށް އޭނާގެ ފަރާތުން އެ ކޯޓުގައި އެދިއްޖެ އެވެ.
މަހުލޫފުގެ ފަރާތުން އޭނާގެ ވަކީލުންގެ ޓީމުން ހައިކޯޓަށް ހުށަހެޅި ސިޓީއެއްގައި ބުނެފައި ވަނީ އެ ކޯޓަށް މަހުލޫފުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ އަވަސް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ ވީ އެންމެ އަވަހަކަށް ފައްޓަވައި މައްސަލާގައި ފައިސަލައިކުރަނިވި ނިންމުމަކަށް އަވަހަށް ވާސިލު ވެވޭނެ ގޮތް ހައްދަވައި ދެއްވުން އެދޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
މައްސަލަ އަވަސް ކޮށްދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފައި ވަނީ މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވެ، އޭނާ މަޖިލީހަށް ވަޑައިނުގަނެވޭ ކޮންމެ ދުވަހަކީ އެތައް ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ދުވަހެއް ކަމަށް ވާތީ ކަމަށެވެ.
މަހުލޫފުގެ ފަރާތުން އޭނާ ޖަލަށް ލުމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، އޭނާ ޖަލަށް ލުމަށް ކުރި ހުކުމް ވަނީ އދ.ގެ ވޯކިން ގުރޫޕަށް ވެސް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ވަނީ އަންނަ ނޮވެމްބަރު މަހަށް އެޖެންޑާ ވެސް ކޮށްފަ އެވެ.
މަހުލޫފަށް ވަނީ ދެ މައްސަލައެއްގައި ހުކުމް ކޮށްފަ އެވެ.
ހަ މަހަށް ޖަލަށްލާން މަހުލޫފުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮއްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާތީ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހުގެ ތިން ވަނަ ދުވަހު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފަހު، ކޯޓުން ނެރުނު ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި ފިލަން ދުވެފައިވާ ކަމަށް ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާތީ ކަމަށް ހުކުމުގައިވެ އެވެ.
މަހުލޫފަކީ އިދިކޮޅު އިއްތިހާދުގެ ސްޕޯކްސް ޕާސަންގެ އިތުރުން އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.