25 Sep 2016, 12:16
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މާލީ ދާއިރާގެ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް އިންސްޓިޓިއުޝަނަލް އިންވެސްޓްމެންޓް ސެމިނާ މިއަދު ފަށައިފި އެވެ.
އެ ސެމިނާ އަކީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ފަރާތްތަކަށް އަމާޒުކޮށްގެން ކެޕިޓަލް މާކެޓާއި އިންވެސްޓްމަންޓް ދާއިރާއާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ބާއްވާ ސެމިނާއެކެވެ. ހޮޓެލް ޖެންގައި މިއަދު ހެނދުނު ފެށި އިންވެސްޓްމެންޓް ސެމިނާ އަކީ ޕެންޝަން އޮފީހުން ބާއްވާ އެފަދަ ތިން ވަނަ ސެމިނާ އެވެ. މީގެކުރިން ވޭތުވެދިޔަ ދެ އަހަރު ވެސް ވަނީ އެފަދަ ސެމިނާ އެއް ބާއްވާފަ އެވެ.
ޕެންޝަން އޮފީހުން މި އަހަރުގެ ބައްދަލުވުން ކުރިއަށްގެންދަނީ ޔޫރަޕިއަން ބޭންކް ފޯ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް އާ ގުޅިގެންނެވެ. މިއަދުގެ ސެމިނާގައި އެ ބޭންކުގެ ފަރާތުން، ސީނިއާ ކެޕިޓަލް މާކެޓް އެޑްވައިޒަރު، ޖިމް ޓާންބުލް ވަނީ ޕްރެސެންޓޭޝަނެއް ދީފަ އެވެ.
އެގޮތުން ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިނޭންސް ރެއިސް ކުރާނެގޮތާއި ލޯކަލް ކެޕިޓަލް މާކެޓްތައް އުފެއްދުމުގައި "ސްޓޭޓް އޯން އެންޓަޕްރައިސަސް"ގެ ރޯލާ ގުޅޭ ގޮތުން އޭނާ ވަނީ ވާހަކަ ދައްކައިފަ އެވެ. އޭގެ އިތުރުން ލޯކަލް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓާ ގުޅޭ ކޭސްސްޓަޑީއަކާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.
މިއަހަރުގެ ސެމިނާގައި ރާއްޖޭގެ ގިނަ ބޭންކްތަކާއި އޮޑިޓްކުރާ ކުންފުނިތަކާއި ފަންޑުތަކާއި އަދި ސަރުކާރުގެ އެކި އޮފީސްތަކުން 80 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ.