25 Sep 2016, 12:09
ވިއެޓްނާމުގައި ކުރިއަށްދާ ފަސް ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް ވޮލީބޯޅައިގެ 'ޕޫލް އެފް'ގައި ޗައިނާ ޓީމު އަތުން ރާއްޖޭގެ އާދަމް ނަސީމާއި އަދުނާން އަބްދުލް ހަމީދު މޮޅުވެ، މުބާރާތުގައި ވާދަކުރާ ބޮޑެތި ގައުމުތައް ސިއްސުވާލައިފި އެވެ.
މިއަދު ކުޅުނު ފިރިހެނުންގެ ބީޗް ވޮލީ އިވެންޓުގައި ޗައިނާގެ ޔަންޓީ އާއި ޒޯގެ ޕެއާގެ މައްޗަށް ރާއްޖޭގެ އާދަމް އާއި އަދުނާންގެ ޕެއާ ކުރި ހޯދާފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 2-1 ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓު 12-21 އިން ޗައިނާގެ ޔަންޓީ އާއި ޒޯ ގެންދިޔަ ނަމަވެސް ރާއްޖޭގެ އާދަމް އާއި އަދުނާންގެ ޕެއާ ވަނީ ފަހު ދެ ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. ދެ ވަނަ ސެޓު 21-16 އިން ރާއްޖެ ގެންދިޔަ އިރު، ފަހު ސެޓު ރާއްޖޭން ގެންގޮސްފައިވަނީ 15-11 އިންނެވެ.
ބީޗް ވޮލީގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ. އަންހެނުންގެ ޕްރިމިލިނަރީ 'ޕޫލް އޭ'ގައި ޗައިނީސް ޓައިޕޭގެ ވޫ އާއި ކޫގެ ޕެއާ އަތުން ރާއްޖޭގެ އައިޝަތު ޝައްފަ އާއި އައިމިނަތު އަރީޝާގެ ޕެއާ ބަލިވެފައިވަނީ ސީދާ ދެ ސެޓުންނެވެ. ޓައިޕޭ އިން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 21-6 އަދި 21-6 އިންނެވެ.
އަންހެނުންގެ ޕްރިލިމިނަރީ 'ޕޫލް ބީ'ގައި ކަޒަކިސްތާނުގެ ސަމަލިކޯވާ އާއި ނިކިޓީނާގެ ޕެއާ އަތުން ރާއްޖޭގެ އައިޝަތު މާޖިދާ އާއި ހައްވާ ރާޝިދާގެ ޕެއާ ބަލިވެފައިވަނީ ވެސް ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ކަޒަކިސްތާނުން ގެންގޮސްފައިވަނީ 21-6 އަދި 21-8 އިންނެވެ.
އޭޝިއަން ބީޗް ގޭމްސްގެ އަންހެން އަދި ފިރިހެން ބީޗު ވޮލީގެ އިތުރުން ރާއްޖޭން ދެން ވާދަކުރަނީ ރޯވިން އަދި ބޮޑީ ބޯޑިންގައެވެ.