25 Sep 2016, 12:13
ބޮލީވުޑުގެ ކާމިޔާބު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ދެން އުފައްދާ ފިލްމުން ކެޓްރީނާ ކައިފް އަދި ފަވާދު ޚާން އެކުގައި ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ކަރަންގެ ދަރްމާ ޕްރޮޑަކްޝަންގެ ފަރާތުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް ލޯބީގެ ފިލްމެއް އުފެއްދުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ކަރަން މިހާރު އަންނަނީ ދިވާލީ އާ ދިމާކޮށް އޭނާގެ ފިލްމު "އޭ ދިލް ހޭ މުޝްކިލް" ރިލީޒް ކުރުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އެ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ނިންމާފައި ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގަ އެވެ.
އެ ފިލްމާ ގުޅޭ ގޮތުން ދަރްމާ ޕްރޮޑަކްޝަން އިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ކެޓްރީނާ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖައްގާ ޖާސޫސް"ގެ މަސައްކަތް ނިމުމާ އެކު އެހެން ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ.
ކެޓްރީނާ އާއި ފަވާދު އެކުގައި ފެންނާނެ ކަމަށް ބެލެވޭ އެ ފިލްމަށް އަދި ނަމެއް ދީފައެއް ނުވެ އެވެ. އެ ފިލްމު ޑައިރެކްޓު ކުރާނީ އަދިއްތުޔަ ދަރް އެވެ.