އދ.ގެ ސަލާމަތީ މަޖިލީހުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުން އަނެއްކާ ވެސް ކުރިމަތިލައިފި އެވެ.

ދިވެހިރާއްޖެ އިން އދ.ގެ ސަލާމަތީ މަޖިލީހުގައި ބައިވެރިވުމަށް ކުރިމަތިލައިފައިވާކަން އިއުލާން ކޮށްފައި ވަނީ މިހާރު ކުރިއަށްދާ އާންމު މަޖިލީހުގަ އެވެ. އެ މަޖިލީހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިކަން އިއުލާން ކުރެއްވީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އެވެ.

ރާއްޖެ އިން ކުރިމަތިލާފައި ވަނީ އެ މަޖިލީހުގެ 2019 - 2020ގެ ދައުރަށް ކަމަށްވާ އިރު މި ދައުރުގެ އިންތިހާބު އޮންނާނީ 2018 ވަނަ އަހަރުގަ އެވެ. އަދި ރާއްޖެ އިން ކުރިމަތިލާފައި ވަނީ އެ މަޖިލީހުގެ އިންތިހާބީ ގޮނޑިތަކުގެ ތެރެއިން ގޮނޑިއަކަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ކުރިމަތިލާފައިވާ އިރު އިންޑޮނޭޝިއާ ވެސް ވަނީ ކުރިމަތިލައިފަ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ބައިވެރިވުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2008 ވަނަ އަހަރު ވެސް ކުރިމަތިލި އެވެ. އެ ފަހަރު ރާއްޖެ އިން ކުރިމަތިލީ 2019-2020ގެ ދައުރުގެ މެމްބަރުކަން ހޯދުމަށެވެ.