05 Jun 2011, 14:47
ކާނިވަލުގައި ހުރި ކަޑައެއްގެ ތެރޭގައި ސައި ބޯން އިން މީހަކަށް ވަޅިން ހަމަލާތަކެއްދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައިގައި މުޖްތަމައުއަށް ނުރައްކާތެރި ކަމަށް ފުލުހުން ބުނެފައިވާ މއ. މޭވާގަސްދޮށުގޭ، އިސްހާގު ހަސަން މަނިކު ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ކާނިވަލުގައި ހުންނަ "ނައިސް ފުޑް" ކިޔާ ކަޑައަކަށް މާޗް 31، 2011 ގައި އިސްހާގު ގޮސް، އެތަނުގައި އިން މީހަކަށް ވަޅިން ހަމަލާދީފައިވާކަން އޭނާގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އެހެންކަމުން ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނުމުގެ ކުށުން އިސްހާގު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
"...ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނުމުގެ ކުށުން އިސްހާގު ހަސަން މަނިކު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ނ. އާ ހަވާލާދީ އެ މާއްދާގެ ބ. ގެ ދަށުން ހަތް އަހަރު ދުވަހުގެ މުއްދަތަށް އިސްހާގު ހަސަން މަނިކު ޖަލަށްލުމަށް ހުކުމްކޮށް މައްސަލަ ނިންމީ،" ކްރިމިނަލް ކޯޓުގެ ގާޒީ ހުކުމްކޮށްފައިވެ އެވެ.
މިއީ މުޖްތަމައުއަށް ނުރައްކާތެރި ކަމަށް ބުނާ ބަޔަކު ފުލުހުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ޝަރީއަތް ކޯޓުގައި ހިންގަން ފެށިފަހުން ނިންމި ފުރަތަމަ މައްސަލަ އެވެ.