ހައްޖުގެ މާތް އަޅުކަން ނިމި ހުރިހާ ހައްޖުވެރިން ރާއްޖެ އައިސްފައިވާ އިރު ޖަމާއަތްތަކާއި ގުޅިގެން މިހާތަނަށް ޝަކުވާއެއް ހުށައަޅާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަންއާއި އަމިއްލަ ފަސް ޖަމާއަތެއްގައި 2000 މީހުން މި އަހަރު ރާއްޖެ އިން ހައްޖަށް ގޮސްފައިވާ އިރު އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަމާއަތްތަކުން އެދުނު ގޮތަށް ހިދުމަތްތައް ނުދީގެން އެއްވެސް ޝަކުވާއެއް ހުށައަޅާފައިނުވާ ކަމަށެވެ.

ހައްޖު މިޝަންގެ ފަރާތްތަކުން ޖަމާއަތްތަކުގެ ހިދުމަތްތައް ބެލިބެލުމުން ވެސް މިހާތަނަށް ޝަކުވާއެއް ހުށައަޅާފައިނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހައްޖު މިޝަންގެ ޓީމުން ދިވެހި ޖަމާއަތްތަކުގެ ފެންވަރު ބަލާފައިވާ އިރު އެކަންކަމަށް އަލިއަޅުވާލައި ވަރަށް އަވަހަށް ބައްދަލުވުންތަކެއް ބާއްވާނެ ކަމަށާއި އެބައްދަލުވުންތަކުގައި ކަމެއް ފާހަގަކުރެވިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޖަމާއަތްތަކުން އެއްބަސްވި ހިދުމަތްތައް ނުދޭ ނަމަ އެ ޖަމާއަތަކަށް އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.