25 Sep 2016, 10:10
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި އިރު، ސްވަންސީ އަތުން ތާވަލުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ލެސްޓާގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދާފައިވަނީ 4-1 ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވެފައި ވަނީ 4-1 ލަނޑުން --- ފޮޓޯ: ގެޓީ
މެޗުގެ 22 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ޑެލޭ ބްލިންޑް ނަގައިދިން ހުރަހަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިން އެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ޖެސޭ ލިންގާޑް ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ އެވެ. އޭގެ ތިން މިނެޓް ފަހުން މަޓާ ދިން ބޯޅައަކުން ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފާޑް އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 42 ވަނަ މިނެޓުގައި ބްލިންޑް ނަގައިދިން ކޯނަރަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 4-1 ލަނޑުން --- ފޮޓޯ: ރޮއިޓާސް
މެޗުގައި ލެސްޓާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 59 ވަނަ މިނެޓުގަ އެވެ. ޑެނިއެލް އަމާޓޭ ދިން ބޯޅައަކުން ލެސްޓާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެމަރާއީ ގްރޭ އެވެ. އޭނާ އުފެއްދި އެ ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ މަތީ ކަނަށެވެ.
ރޭ ސްވަންސީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން މެންޗެސްޓާ ސިޓީ މޮޅުވެފައި ވަނީ 3-1 ލަނޑުންނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯ ސިޓީ އަށް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 13 ވަނަ މިނެޓުގައި ފެނާންޑޯ ލޮރެންޓޭ ވަނީ ސްވަންސީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެންޗެސްޓާ ސިޓީ އަށް ލަނޑެއް ކާމިޔާބުކޮށްދިނުމަށްފަހު އަގުއެރޯ އުފާފާޅުކުރަނީ: ޕްރިމިއާ ލީގުގައި ސްވަންސީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 3-1 ލަނޑުން --- ފޮޓޯ: ގެޓީ
މެޗުގެ 65 ވަނަ މިނެޓުގައި އާޖެންޓީނާ ފޯވަޑް އަގުއެރޯ އަލުން ސިޓީ އަށް ލީޑު ހޯދައިދިން އިރު، މެޗުގެ 77 ވަނަ މިނެޓުގައި ސިޓީން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އެ ލަނޑު ސިޓީ އަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިން އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މިޑްލްސްބްރޯ އަތުން 2-1 ލަނޑުގެ ހަނިތަފަތާކުން ޓޮޓެންހަމް ހޮޓްސްޕާ ވަނީ މޮޅުވެފަ އެވެ. ހަލް ސިޓީ އަތުން ފަސޭހަކަމާއެކު 5-1 ލަނޑުން ލިވަޕޫލް މޮޅުވި އިރު، ސަންޑަލޭންޑް އަތުން 2-3 ލަނޑުން ކްރިސްޓަލް ޕެލަސް ވަނީ މޮޅުވެފަ އެވެ. އޭއެފްސީ ބޯންމައުތު އަތުން 1-0 ލަނޑުން އެވަޓަން މޮޅުވި އިރު، ސްޓޯކް ސިޓީ އާއި ވެސްޓް ބްރޮމްވިޗް އަލްބިއޮން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.