25 Sep 2016, 09:00
އިނގިރޭސި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ޗެލްސީ ބަލިކޮށް، އާސެނަލުން ތާވަލުގެ ތިން ވަނައަށް ޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީގެ މައްޗަށް އާސެނަލުން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާ އެކު 13 ޕޮއިންޓާއި ފައިދާ ގޯލުން އާސެނަލް ތިން ވަނައިގައި އޮތް އިރު، ހަތަރު ވަނައިގައި އޮތް ލިވަޕޫލާއި ފަސް ވަނައިގައި އޮތް އެވަޓަން އަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 18 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. އާސެނަލް އަތުން ބަލިވި ޗެލްސީ ވަނީ ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ އަށް ވަނަ އަށް ވެއްޓިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވެފައިވަނީ 3-0 ލަނޑުން ---
ރޭ ކުޅުނު އެ މެޗުގައި އާސެނަލުން ޖެހި ތިން ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. އާސެނަލްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 11 ވަނަ މިނެޓުގައެވެ. ޗެލްސީގެ އިނގިރޭސި ޑިފެންޑަރު ގޭރީ ކޭހިލް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޗިލީ ތަރި އެލެކްސިސް ސަންޗޭޒް އެވެ.
އޭގެ ތިން މިނެޓު ފަހުން އާސެނަލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ސްޕެއިން ޑިފެންޑަރު ހެކްޓާ ބެލެރިން ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ތިއޯ ވަލްކޮޓް އެވެ.
އާސެނަލުން ކާމިޔާބުކުރި ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ކައުންޓާ އެޓޭކެއްގައި ސަންޗޭޒް ނަގައިދިން ހުރަހަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވެފައިވަނީ 3-0 ލަނޑުން ---
މެޗުގެ ދެވަނަ ހާފުގައި އާސެނަލަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ވަލްކޮޓް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ވަލްކޮޓް އުފެއްދި ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ބެލްޖިއަމް ގޯލްކީޕަރު ތިބައުޓް ކޯޓުވާ އެވެ.
މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޗެލްސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑޭވިޑް ލުއިޒް ދިން ބޯޅައަކުން ޗެލްސީގެ ބެލްޖިއަމް ފޯވަޑް މިޗީ ބަޓްޝުއާއީ އުފެއްދި ހަމަލާ، ޗެލްސީގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޗެކް ވަނީ މަތަކޮށްފަ އެވެ.