25 Sep 2016, 12:19
ރާއްޖޭގައި ބޭއްވި ފުރަތަމަ ފްރެންޗައިސް ޝޯ މޯލްޑިވިއަން އައިޑަލް ގައި ތަފާތު ލަވައެއް ހުށަހަޅައިދީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑރ. އަހުމަދު ޝަމްރާހު ރޭ އަނެއްކާވެސް އެވަނީ ތަފާތު ލަވައެއް ހުށަހަޅައިދީފައެވެ.
ޕްލާސްޓިކް ސާޖަނެއްގެ ގޮތުގައި މިހާރު ރަޝިޔާގައި ކިޔަވަމުން އަންނަ ޝަމްރާހް ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެދުމަކަށް 4426ގެ ޕްރޮމޯޝަނަލް ޝޯގެ ލަވަ ހުށަހަޅައިދިނުމަށް ރާއްޖެ އައިސް ރޭ އެވަނީ ގައިން ހީބިހި ނަގައިގެންދާވަރުގެ ތަފާތު ލަވައެއް ހުށަހަޅައިދީފައެވެ.
ނަހުލާގެ "4426"ގެ ޕްރޮމޯޝަނަލް ލަވަ ރިލީޒް ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޝޯގައި މަޝްހޫރު ފަންނާނުން ލަވަ ހުށަހަޅައިދީފައިވެ އެވެ. އެ ޝޯގައި މޯލްޑިވިއަން އައިޑަލްގެ ދެވަނަ ހޯދި ޝަލަބީ އިބްރާހީމާއި ޔާމީން ރަޝީދާއި މީރާ މުހައްމަދު މާޖިދުގެ އިތުރުން ރާފިޔަތު ރަމީޒާ، އަހުމަދު އިބްރާހީމް (އައްމަޑޭ) އަދި ލަމްހާ ލަތީފް ވަނީ ހިތްގައިމު ލަވަތަކެއް ހުށަހަޅައިދީފައެވެ.
އެ ލަވަ ކިޔުންތެރިން އެ ޝޯގައި ހުށަހަޅައިދީފައިވަނީ އޭނާގެ ކަވަރ ލަވަތަކެވެ.
ބިރުވެރި ފިލްމަކަށް ލަވައެއް ހުށަހަޅައި ދިނުމަކީ ޝަމްރާހް ވަރަށް ބޭނުންވެފައި ހުރި ކަމެއް ކަމަށް އޭނާ ބުނެ އެވެ. ޝަމްރާހަކީ ބިރުވެރި ފިލްމަށް ލޯބިކުރާ މީހެއް ކަމުން ނަހުލާ ދިން ފުރުސަތަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ލަވަ ހުށަހަޅައި ދިނުމަށްފަހު އޭނާ ބުންޏެވެ.
ނަހުލާގެ 4426 ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ހުށަހަޅައިދިނުމަށް ޝަމްރާހްގެ އަޑުން ހުށަހަޅައިދިނުމަށް ފުރުސަތު ދީފައިވަނީ މޯލްޑިވިއަން އައިޑަލްގައި ޝަމްރާހް ހުށަހަޅައިދިން ލަވަައިގެ ސަބަބުންނެވެ.
"އަޅުގަނޑަށް އަސްލު ވީ ގޮތަކީ އަޅުގަނޑު މޯލްޑިވިއަން އައިޑަލްގަ އިންދާ ޝަމްރާހްގެ ލަވަ އިވުނު ދުވަސް އެއީ އަޅުގަނޑު އަސްލު ފުރަތަމަ ލަވައެއް އަޑު އިވިގެން ގައިން ހީބިހި ނަގައިގެން ދިޔަ ދުވަސް. އެހެންވީމަ އަޅުގަނޑު ހިތަށްއެރީ އެ ފެންވަރުގެ ލަވަ ކިޔުންތެރިއެއް ލައްވައޭ އަޅުގަނޑުގެ ފިލްމަށް ލަވަ ކިޔުއްވާނީ،" ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފުރަތަމަ ބިރުވެރި ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ހުށަހެޅުމަށް ޝަމްރާން އިހްތިޔާރުކުރި ގޮތް ރޭގެ ޝޯގައި އޭނާ ހާމަ ކުރި އެވެ.
އެ ފިލްމާ ބެހޭގޮތުން ރޭގެ ޝޯގައި ވާހަކަ ދައްކަމުން އެ ފިލްމަކީ ހަމަ އެކަނި ބިރުވެރި ފިލްމެއް ނޫން ކަމަށް މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބު ސިފަ ކުރި އެވެ. ނަހުލާގެ ކޮންމެ ފިލްމަކީވެސް އިބްރަތެއް ލިބިގެންދާ ފިލްމެއް ކަމަށާއި އެގޮތުން "4426" އިންވެސް އިބުރަތެއް ލިބޭނެ ކަމަށް ޝީލާ ބުނެ އެވެ.
4426 ގެ ޕްރޮމޯޝަނަލް ލަވަ ރިލީޒް ކުރުމަށް ރޭ ބޭއްވި ޝޯގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
"މިއީ ހަމައެކަނި ބިރުވެރި ފިލްމެއް ނޫން. ހަމަ ކޮންމެ މީހަކުވެސް ބަލާފަ އިބުރަތެއް ހާސިލްކޮށްގެން ދާނެ ފިލްމެއްކަން ޔަގީން،" 4426 ގެ ޕްރޮމޯޝަނަލް ލަވަ ރިލީޒްކުރުމަށް ރޭ ބޭއްވި ޝޯގައި ފިލްމާ ބެހޭ ގޮތުން ޝީލާ ބުންޏެވެ.
ޝީލާގެ ފިލްމީ ހަޔާތުގައި ވަރަށް ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް 4426 އަކީ ޝީލާއަށް ކުރެވުނު ވަރަށް ތަފާތު ބުރަ މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެ އެވެ.
ހަގީގީ ހާދިސާ އަކަށް ބިނާކޮށް ތައްޔާރު ކުރާ އެ ފިލްމުގައި ނަހުލާގެ އިތުރުން އަހުމަދު ޝިނާން ވެސް ޑައިރެކްޝަން ހަދާފައިވާ އިރު، ނަހުލާ ބުނެފައިވަނީ އެއީ އޭނާގެ ފިލްމު ކެރިއަރުގައި ކުރާ އެންމެ ބުރަ މަސައްކަތް ކަމަށެވެ.
ފިލްމުގައި ރާއްޖޭގެ ތަޖުރިބާކާރު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޝީލާ ނަޖީބުގެ އިތުރުން ޒުވާން އަދި ކުރިއަރަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ޖުމައްޔިލް ނިމާލާއި މަރިޔަމް އައްޒަ އަދި އަހްމަދު ޖުމައިހް (ޖުމާ) ފެނިގެންދާނެ އެވެ.
އޯޕަން ބަޖެޓަކާ އެކު ހަދާ އެ ފިލްމުގެ މަންޒަރުތައް މާލެ އާއި މާލެ ކައިރި ދެ ރަށެއްގައި ނަގާފައިވާއިރު ހާއްސަކޮށް ޑިޒައިންކޮށްފައިވާ ސެޓެއްގައި ވެސް މަންޒަރުތަކެއް ވަނީ ނަގާފައެވެ.
އަންނަ އޮކްޓޯބަރު 18 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ޓިކެޓް ވިއްކުން އޮންލައިންކޮށް ބުކިން ހެދުން ހުއްޓާލާފައިވާއިރު، އޮލިމްޕަހުން މިހާރު ދަނީ އެ ފިލްމުގެ ޓިކެޓްތައް ވިއްކަމުންނެވެ.