25 Sep 2016, 00:53
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމު ގެއްލިފައިވާ އަހްމަދު ޠާރިޤު (ޓޮމް)، އެފްއޭއެމްގެ މައްސަލައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ބަހެއް ބުނެފިއެވެ.
ޓޮމް އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވަނީ، "އެފްއޭއެމްގައި ދިމާވީ ވަރަށް އާދައިގެ ކަމެއް،" ކަމަށެވެ. އަދި "މައްސަލައަކީ ވެސް އޭގެ ޒާތުން ވަރަށް ކުޑަ ކަމެއް" ކަމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބައްސާމު އަދީލް ޖަލީލު އެ މަގާމުން ވަކިކުރުމާއި، އެކްސްކޯގެ ފަސް މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ "ފީފާ"އިން ވަނީ، އެފްއޭއެމްގެ ރައީސަށް ސިޓީއެއް ފޮނުވައިފައެވެ.
މެއި 31، 2016: އެފްއޭއެމްގެ ރައީސްކަމަށް އަހްމަދު ޠާރިޤު (ޓޮމް) އިންތިޚާބުކުރި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން -- ސަން ފައިލް ފޮޓޯ
ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތުމާ ސަމޫރާ ފޮނުއްވި އެ ސިޓީގައި ވަނީ، އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެކްސްކޯގެ 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދީފި ނަމަ އެކްސްކޯގެ ކޯރަމް ހަމަނުވާނެ ކަމަށާއި އެހެންކަމުން އަލުން އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކާ ގުޅޭގޮތުން ޓޮމް ވާހަކަދައްކަވާފައެއް ނުވެއެވެ.
ޓޮމް ވިދާޅުވީ، އެފްއޭއެމަށް ދިމާވެގެން އުޅޭ މައްސަލައަކީ، އެ ޖަމިއްޔާގެ އަސާސީ ގަވާއިދުގައިވާ ނަމެއްގެ މައްސަލަ ކަމަށެވެ. އެ މައްސަލައަކީ "އެފްއޭއެމްގެ އިންތިޚާބުކުރާ އެންމެ އިސްފަރާތަށް 'ރައީސް' ކިޔާކަން،" ކަމަށްވެސް ޓޮމް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވެއެވެ.

އެފްއޭއެމްއަށް ދިމާވެގެން އުޅޭ މައްސަލައާ ގޮތުން އަހްމަދު ޠާރިޤު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ޕޯސްޓުގެ ސްކްރީން ޝޮޓެއް --
އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވީ، ޖެނެރަލް ސެކްރެޓެރީގެ މަގާމުން ބައްސާމު ވަކިކުރީ، އެކްސްކޯއާ އެއްވެސް މަޝްވަރާކުރުމެއް ނެތި، ޠާރިޤު އަމިއްލައަށް ނިންމަވައިގެން ކަމަށާއި، އެފަދަ ބަސްނުވިކޭ މަގާމެއްގައި ތިބުމަށްވުރެ އިސްތިއުފާ ދިނުން ރަނގަޅުކަމަށް ފެންނާތީ ކަމަށް ބުނެއެވެ.

އެފްއޭއެމްގެ އެކްސްކޯ އިން އިސްތިއުފާ ދެއްވި ފަސް މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އިސްތިއުފާދެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ، ނައިބުރައީސް އަލީ އުމަރާއި، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަސްއަދު އަބްދުލް ޣަނީ އާއި ގައުމީ ޓީމުގެ ކުރީގެ ފިޒީޝަން އަހުމަދު ޝަކީބާއި ނިއު ރޭޑިއަންޓްގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްގެ މެނޭޖަރު އަހުމަދު އީސައެވެ.
އެ މެންބަރުން އިސްތިއުފާ ދެއްވި މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ ވޭތުވެދިޔަ ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެފްއޭއެމްގެ ނިންމުންތައް ނިންމުމުގައި، ރައީސް އެކްސްކޯގެ މެންބަރުންނާ މަޝްވަރާ ނުކުރުން ކަމަށެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެ މެންބަރުން ވަނީ، އެފްއޭއެމްގެ މަސައްކަތްތައް ހަމައަކަށް އަޅުވައި، އިންތިޚާބެއް ބޭވުމަށް ފީފާއިން ކުރީން އެކުލަވައިލި ނޯމަލައިޒޭޝަން ކޮމިޓީގެ އެންމެ ފުރަތަމަ ޗެއާމަން، މުޙައްމަދު ޝަވީދުގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.
އެފްއޭއެމް ހަމައަކަށް އެޅުވުމަށް ފީފާއިން އެކުލަވައިލި ނޯމަލައިޒޭޝަން ކޮމިޓީގެ ފުރަތަމަ ޗެއާމަން މުޙައްމަދު ޝަވީދު އާއި، އެ ކޮމިޓީގައި އޭރު ހިމެނިވަޑައިގެންނެވި ބައެއް މެންބަރުން -- ސަން ފައިލް ފޮޓޯ
އިސްތިއުފާ ދެއްވި މެންބަރުންގެ ތުހުމަތުތަކަށް ޓޮމް އެއްވެސް ރައްދެއް ނުދެއްވި ނަމަވެސް، މި އަހަރުގެ މެއި 31 ވަނަ ދުވަހު އެފްއޭއެމްގެ ރައީސްކަމާ އޭނާ ހަވާޅުވިފަހުން ދިވެހި ފުޓްބޯޅަ ކުރިއަރުވާން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ.