24 Sep 2016, 22:48
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ފެބްރުއަރީ، 8، 2012 ވަނަ ދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގާއުކައި ގެއްލުންދިން މީހަކު ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދޭން މަސައްކަތްކުރުމުގެ ކުށުގެ ދައުވާކޮށް ހަ މަހަށް ޖަލަށްލާން މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހދ. ކުޅުދުއްފުށީ، ފަރުދާގެ، މުހައްމަދު ޒަޔާންގެ މައްޗަށެވެ.
އޭނާ ހަ މަހަށް ޖަލަށްލާން ހުކުމްކުރީ އެއީ އޭނާގެ މައްޗަށް އެބާވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވި ފުރަތަމަ ފަހަރަށް ވާތީ ކަމަށް ކްރިމިނަލް ކޯޓުންކުރި ހުކުމްގައި ބުނެފައިވެ އެވެ.
ޒަޔާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ، 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭ 21:20 އެހާކަންހާއިރު، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ދެކުނުފަރާތް އިރުމަތީ ގޭޓް ކައިރިއަށް ގޮސް އެތާގައި ތިބި ފުލުހުންނަށާއި ފުލުހުންގެ މަރުކަޒަށް އަމާޒުކޮށް ގަލާއި ފަންތޮށި އަދި ވެލިފަދަ ތަކެތި އުކާފައިވާ ކަމަށެވެ.
އަދި ބުނެފައިވަނީ، އެ މައްސަލާގައި ހެކިންގެ ހެކި ބަހުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ބަލާއިރު ވެސް ޒަޔާންގެ މައްޗަށް އެކަންކުރި ކަމުގެ ކުށް ސާބިތުވާ ކަމަށެވެ.
ފެބްރުއަރީ، 8، 2012 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފުލުހުންގެ އިމާރާތްތަކާއި ކޯޓުތަކާއި ކައުންސިލް އިދާރާތަކަށް ގެއްލުންދީ، ހުޅުޖަހައި، އަންދާލި މައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ ކޮށްފައެވެ.
މީގެ ކުރިން ވެސް ފެބްރުއަރީ 8، 2012 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ފުލުހުންނަށް ގަލުން ހަމަލަދޭން އުޅުނު އަށް މީހެއްގެ މައްޗަށް ކުށް ސާބިތުވެ 10،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ.