24 Sep 2016, 22:34
މުވާސަލާތީ ކުންފުނި، ދިރާގުން ރާއްޖޭގެ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން އިންޓަނެޓް ޕެކޭޖްތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
މިއަދު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ "ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް" ގައި ދިރާގުން ވަނީ ތަފާތު ހަތަރު ޕެކޭޖެއް ތައާރަފްކޮށްފައެވެ. އެ ޕެކޭޖްތައް މި މަސްތެރޭ ނަގާނަމަ، ގުޅައިދިނުމުގެ ހަރަދުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް "ސަން" އަށް ވިދާޅުވީ، މިއަދު ތައާރަފްކުރި ޕެކޭޖްތަކަކީ ހުރިހާގޮތަކުން ބެލި ނަމަވެސް، ގެސްޓްހައުސްތަކަށް އޭގެ ފައިދާ އެންމެ ރަނގަޅަށް ކުރާނެ ޕެކޭޖްތަކެއް ކަމަށެވެ.
މިއަދު ތައާރަފްކުރި ޕެކޭޖްތަކުގެ ތެރޭގައި "ގެސްޓްހައުސް އިންޓަނެޓް ޓޫއެމް" އާއި " ގެސްޓްހައުސް އިންޓަނެޓް ފައިވްއެމް" އާއި " ގެސްޓްހައުސް އިންޓަނެޓް އެއިޓްއެމް" އަދި " ގެސްޓްހައުސް އިންޓަނެޓް ޓެންއެމް" ހިމެނެ އެވެ. އެހުރިހާ ޕެކޭޖަކާ އެކުވެސް އަންލިމިޓެޑް ޑޭޓާ ލިބޭއިރު، ހާއްސަ ކަންތައްތަކެއް ދިރާގުން މި ޕެކޭޖްތަކާ އެކު ފޯރުކޮށްދޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
ގެސްޓްހައުސް އިންޓަނެޓް ޓޫއެމް ޕެކޭޖެއްގެ އަގަކީ 2900 ރުފިޔާ އެވެ. ގެސްޓްހައުސް އިންޓަނެޓް ފައިވްއެމްގެ ޕެކޭޖެއް 5900 ރުފިޔާ އަށް ލިބޭއިރު، ގެސްޓްހައުސް އިންޓަނެޓް އެއިޓްއެމްގެ ޕެކޭޖެއް 7900 ރުފިޔާ އަށް ލިބެ އެވެ. އޭގެ އިތުރުން ގެސްޓްހައުސް އިންޓަނެޓް ޓެންއެމްގެ ޕެކޭޖެއް ލިބެނީ 8900 ރުފިޔާ އަށެވެ.
ޕެކޭޖްތައް ގުޅުމަށް ވެސް ދެ އޮޕްޝަނެއް ދިރާގުން ވަނީ ގެސްޓްހައުސްތަކަށް ދީފައެވެ. އެއީ ކޮމްޕްލީޓް ކަވަރޭޖް ސެޓްއަޕަކާއި އިންޓެގްރޭޝަން ސެޓްއަޕެކެވެ. ކޮމްޕްލީޓް ކަވަރޭޖް ސެޓްއަޕް ގުޅައިދެނީ ދެ އެކްސަސް ޕޮއިންޓާ އެކު 10،000 ރުފިޔާ އަށެވެ. އިންޓެގްރޭޝަން ސެޓްއަޕް ގުޅައިދެނީ ރައުޓަރަކުންނެވެ. އެއީ 5500 ރުފިޔާ އަށެވެ. އިމްޖާދު ވިދާޅުވީ މި މަސްތެރޭ ޕެކޭޖް ނަގައިފި ނަމަ ގުޅައިދިނުމުގެ އަގުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
އިމްޖާދު ވިދާޅުވީ، އިންޓަނެޓަށް ގެސްޓުން ލޮގިންވުމަށް ބޭނުންވާ ޕޭޖާއި އިތުރު ކަންކަން ވެސް ދިރާގުން އެ ޕެކޭޖްތަކާ އެކު ފޯރުކޮށްދޭނެ ކަމަށެވެ.