ގިނަ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް ރަށު ކައުންސިލްތަކުން މިއަދު ބުނެފި އެވެ.

މިއަދު ހެނދުނުން ފެށިގެން ގިނަ އަދަދެއްގެ ރަށު ކައުންސިލްތަކާއި އަތޮޅުކައުންސިލްތަކުން އަންނަނީ އެ ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒިފުންނަށާއި އަދި ކައުންސިލަރުންނަށް ވެސް މުސާރަނުލިބޭ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

އިގްތިސޯދު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ މި ދަނޑިވަޅުގައި މުސާރައިގެ މައްސަލަ ގިނަ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ދިމާވުމުން ފިނޭންސް މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގް މިއަދު ވިދާޅުވީ މަހުގެ ފަހަކަށް ދިޔައިރުވެސް މިދިޔަމަހުގެ މުސާރަ ނުލިބި ލަސްވީ ސިސްޓަމަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށާއި އެ މައްސަލަ ހައްލުކުރުމަށްފަހު ކައުންސިލްތަކުގެ މުސާރައިގެ ކަންތައް ހަމަޖެހޭނެ ކަމަށެވެ.
"އަޅުގަނޑަށް މެދު ކެޑުމެއް ނެތި ޝަކުވާ ލިބޭ. އެހެންވެ ބެލިއިރު ސިސްޓަމަށް މައްސަލައެއް ދިމާވެގެން އުޅުނީ،" ޝަފީގް ވިދާޅުވި އެވެ.


ހުޅުދެލީ ރަށު ކައުންސިލުގެ ރައީސް އަހުމަދު ނަސްރު މިއަދު ވިދާޅުވީ އެ އަތޮޅުގެ އެއްވެސް ކައުންސިލެއްގެ މުވައްޒިފަކަށް މުސާތަ ނުލިބޭ ކަމަށެވެ.

"ގައުމީ އިދާރާއިން ބުނީ ފިނޭންސްއަށް ސްލިޕް ފޮނުވުން ލަސްވީމަ އޭ މައްސަލަ ދިމާވީ،" ނަސްރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސްލިޕް އަވަހަށް ފޮނުވި ރަށްރަށުގެ ކައުންސިލް އިދާރާތަކައް ވެސް މުސާރަ ޖަމާ ނުވާ ކަމަށެވެ.
"އަޅުގަނޑު ދެންމެ ބެލި ބެލުމުން އެގުނު ރިނބުދޫ ކައުންސިލްއިން ވަރަށް ކުރިން ސްލިޕް ފޮނުވިކަން. އެކަމަކު އެބޭފުޅުންނަށް ވެސް މުސާރައެއް ނުލިބޭ،" ނަސްރު ވިދާޅުވި އެވެ.

މުސާރައިގެ މައްސަލަ ވަނީ ލ. މާބައިދޫ ރަށު ކައުންސިލައް ވެސް ދިމާވެފަ އެވެ. އެ އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލްތަކާއި ހަވާލާދީ މާބައިދޫ ރަށު ކައުންސިލްގެ މެންބަރު މުހަންމަދު ނަޝީދު ވިދާޅުވީ އެއްވެސް ކައުންސިލަކަށް މުސާރަ ޖަމާވެފައި ނުވާކަމަށާއި އެހެން ކަމުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޮޑެތި ހުރަސްތަކަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށެވެ.

" ކައުންސިލުގައި ވަޒީފާ އަދާކޮށްގެން އެކަނި ދިރިއުޅޭ މީހުން މި އުޅެނީ. މަސް ނިމި އަނެއް މަސްފެށި ފަހަކަށް އަރައިގެން ދާއިރު މުސާރަ ނުލިބެންޏާ ދެން އަތަކު ނުހުންނާނެ ހަރަދު ކުރާކަށް އެއްޗެއް. ކިހިނެތްތޯ ކައިގެން ބޮއިގެން އުޅޭނީ،" ނަޝީދު ވިދާޅުވި އެވެ.