އައްޑޫ ސިޓީގައި ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ފަސް މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހް ސައީދު މިރޭ ވިދާޅުވީ، ރޭގެ މާރާމާރީގައި ޒަހަމްކޮށްލައިގެން ހޮސްޕިޓަލަށް ގެނައި ފަސް މީހުންގެ ތެރެއިން އެކަކު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އޭނާ ވިދާ ވިދާޅުވީ، ޒަހަމްތަކަކާއެކު ރޭ ހޮސްޕިޓަލަށް ގެނައި ހުރިހާ މީހުންނަށް ވެސް ހަމަލާދީފައި ހުރީ ވަޅިން ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދާ ހަތަރު މީހުންގެ ހާލުވެސް ސްޓޭބަލް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތެރެއިން އެކަކު މާލެ ފޮނުވާލަން ނިންމީ އޭނާގެ ކަނދުރާއަށް ވަޅިން ހަމަލާދީފައި ހުރީ ތަންކޮޅެއް ފުންކޮށް ކަމަށްވާތީ އޭނާއަށް އިތުރު ފަރުވާ ބޭނުންވާތީ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އޭނާ ފޮނުވާލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ހިތަދޫގައި ރޭ ހިންގާފައިވަނީ ގްރޫޕް މާރާމާރީ އެކެވެ. ފުލުހުން ބުނީ ރޭ 10:45 އެހާކަންހާއިރު ހިންގި އެ މާރާމާރީގައި ޒަހަމްވި މީހެއްގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، ދެ މީހެއްގެ އަތުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެކެއްގެ ބޮލަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރޭ އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.