މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ފުރަތަމަ ތަނބުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، " ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ފުރަތަމަ ތަނބުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް މީގެ ކުޑައިރުކޮޅެއް ކުރީން ފަށައިފި" ކަމަށެވެ.

މާލެ-ހުޅުމާލެ ބްރިޖަކީ ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮޖެކްޓެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ތަބުތަކުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ކުރިއަށް ދަނީ -- ޓްވިޓަރ ފޮޓޯ: ޑރ. މުއިއްޒު

ބްރިޖުގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްކު މިރޭ ފަށާފައިވާއިރު، އެ މަސައްކަތް ކުރިއަށްދާން ޖެހޭ ދުވެލީގައި ކުރިއަށް ނުދާކަަމަށް މީގެ ކުރީން ވަނީ އަޑުތައް ފެތުރިފައެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ، އެވާހަކަތައް ދޮގުކޮށް، ތާވަލާ އެއްގޮތަށް ބްރިޖްގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ދާކަމަށް ބުނެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ، ކޮންމެ ދުވަހަކު 24 ގަޑިއިރު ބްރިޖުގެ މަސައްކަތް ކުރަމުންދާ އިރު އެ ސައިޓުގައި ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހުއްޓުމެއް ނެތި 24 ގަޑިއިރު ކުރިއަށް ގެންދޭ -- ސަން ފައިލް ފޮޓޯ

މާލެއާ ހުޅުލެއާ ދެމެދުގައި އަޅަމުން އަންނަ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު، އަދި ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުރެއެވެ. އެ ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެއެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކުރެހުމެއް -- ސަން ފައިލް ފޮޓޯ

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްއެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވާއިރު ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނު އެހީގެ ގޮތުގައި އެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީން ބުނެއެވެ.