24 Sep 2016, 21:00
ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލު ކުރުމާ ބެހޭގޮތުން، ޒުވާނުން ހޭލުންތެރިކުރުވުމުގެ ގޮތުން ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ލެކްޗާ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
އަހަރަކު ހަތަރު ފަހަރު ކުރިއަށް ގެންދިއުމަށް ރާވައިފައިވާ އެ ސިލްސިލާގެ ދެވަނަ ޕްރޮގްރާމްގައި ތިން ދާއިރާއަކުން އެ ދާއިރާތަކުގެ ތަޖުރިބާކާރު ލެކްޗަރާއިން ލެކްޗާ ދެއްވާފައިވެ އެވެ.
އެގޮތުން ފުރަތަމަ ލެކްޗާ ދެއްވީ މާސްޓާ ޓްރެއިނާ މަސްއޫދު އަލީ އެވެ. އޭނާގެ ލެކްޗާގައި ވާހަކަދައްކާފައިވަނީ މީހާގެ ކިބައިގައި ހުރި ރަނގަޅު ކަންތައްތައް ދެއްކުމާ ބެހޭގޮތުންނެވެ.
ދެވަނަ ލެކްޗާގައި އަލިއަޅުވައިލާފައިވަނީ އިޖްތިމާއީ ގުޅުމާއި، ވޮލަންޓިއާ ކުރުމާ ބެހޭގޮތުންނެވެ. އެ މައުލޫއަށް ލެކްޗާ ދެއްވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޕެކްޓަރު ފާތިމަތު ނަޝްވާ އެވެ. އަދި ތިންވަނަ ލެކްޗާ، ދަމާސްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ޝިހާބު ދެއްވާފައިވާއިރު އޭނާ ގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވީ ޝަހްސިއްޔަތު ބިނާ ކުރުމާ ބެހޭ ގޮތުންނެވެ.
އެ ޕްރޮގްރާމުގައި 62 ބައިވެރިން ބައިވެރިވެފައިވާ އިރު އެ ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ. ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ މުހައްމަދު ޝިހާބެވެ.

ރަފީ ޖަމިއްޔާއިން ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ލެކްޗާ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް ބައިވެރިންނަށް ސެޓިފިކެޓް ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރަފީ އެންޖީއޯގެ ފަރާތުން ވަނީ އެ ޕްރޮގްރާމުގައި ލެކްޗާ ދެއްވި ލެކްޗަރާއިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ފިލާ ހަވާލުކޮށް ދެއްވީ ރަފީގެ މޯލްޑިވްސް ޑިވެލޮޕްމެންޓް ރިސާޗް އިންސްޓިޓިއުޓް (އެމްޑީއާރުއައި)ގެ ސީއީއޯ އަދި ކޯ ފައުންޑާ ފަޒްލީ އަބްދުލް ވައްހާބެވެ.
ރަފީ ޖަމިއްޔާއިން ބުނާ ގޮތުގައި އެ ޕްރޮގްރާމުގެ މަގުސަދަކީ ޒުވާނުން އެކަކު އަނެކަކާ ބައްދަލުވެ، އަމިއްލަ ނަފްސަށް ކުރާ އިރުބާރާއި ޔަގީންކަން އިތުރު ކުރުމަށް މަގުފަހި ކޮށްދިނުމެވެ.
ރަފީ ޖަމިއްޔާއިން އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ އިތުރު ސެޝަންތަކެއް މި އަހަރު ކުރިޔަށް ގެންދާނެ ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.
އެ ޖަމިއްޔާއިން ބޭއްވި ފުރަތަމަ ލެކްޗާ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.