24 Sep 2016, 21:23
ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމުގެ މަގްސަދުގައި އެޑިއުކޭޝަން މިނިސްޓްރީއާއި މެލޭޝިއާގެ ޔުނިޓަރ އިންޓަނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ވޯކްޝޮޕްގެ ތިން ވަނަ ބުރު، ލ. ގަމުގައި މިއަދު ފަށައިފި އެވެ.
"ލީޑާޝިޕް ވޯކްޝޮޕް އޮން އޮން ޕާސަނަލް އިފެކްޓިވްނަސް އޭޒް ސްކޫލް ލީޑާސް" ނަމުގައި ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލް ގައި ކުރިއަށްގެންދާ އެ ވޯކްޝޮޕްގައި މ، ފ، ދ، ތ އަދި ލ އަތޮޅުގެ ސްކޫލްތަކުގައި މަސައްކަތްކުރާ 27 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުން އަދި ޓީޗަރުން ބައިވެރިވެއެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ޕްރޮގްރާމުގައި މެނޭޖްމަންޓާއި ލީޑާޝިޕްއާއި ގުޅުން ހުރި ދާއިރާތަކުން ކިޔަވައިދޭއިރު، ކިޔަވައި ދެއްވަނީ ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ބޭފުޅުންނެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ގާބިލު ލީޑިން ޓީޗަރުންގެ ކިބައިގައި ސްކޫލްތައް ހިންގުމުގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށް ހިންގާ އެ ޕްރޮގްރާމުގެ ދެ ޕްރޮގްރާމެއް މިދިޔަ މަހުގެ ތެރޭގައި ކުރިއަށް ގެންގޮސް، 63 ޓީޗަރުންނަށް ވަނީ ތަމްރީނު ދީފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތަކީ 46 ޕަސެންޓެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސްކޫލްތައް ހިންގަވަން ތިއްބެވި ދިވެހި ޕްރިންސިޕަލުންނަށް ހުނަރާއި މައުލޫމާތު ލިބިފައިތިބި ބޭފުޅުންނަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ސްކޫލްތައް ހިންގަން މިހާރު ތިއްބެވި ޕްރިންސިޕަލުންގެ ލީޑާޝިޕް ސްކިލް އިތުރުކުރުވުމަށް ތަޖުރިބާ ހޯދުމުގެ ދަތުރުތަކެއްގައި ޕްރިންސިޕަލުން މެލޭޝިއާއަށް ފޮނުވަމުންދާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ޖުމްލަ 115 ޕްރިންސިޕަލަކު ތަޖުރިބާ ހޯދުމަށް މެލޭޝިއާއަށް ވަނީ ގޮސްފައެވެ.
އޭގެ އިތުރުން، ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމްގެ ނަމުގައި މިއަހަރުގެ ތެރޭގައި ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާހަގަކޮށްލެވޭ ސުކޫލްތަކަށް ޕްރިންސިޕަލުން ޒިޔާރަތްކޮށް ސްކޫލް ހިންގުމުގައާއި ދަރިވަރުންގެ ނަތީޖާ އިތުރަށް ރަނގަޅުކުރުމުގައި އެ ސުކޫލްތަކުން ބޭނުންކުރާ ބެސްޓް ޕްރެކްޓިސް ވަނީ ތަޖުރިބާ ކޮށްފައެވެ.
އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން އަމަލުކުރާނެ އެއްގޮތްތަކެއް ކަނޑައަޅައި ލިޔެފައިވާ އަތްމަތީ ފޮތެއް ތައްޔާރުކޮށް ނެރެފައިވާ އިރު، ވަކިވަކި އަތޮޅުތަކުގެ ހުރިހާ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ސިލްސިލާ ބައްދަލުވުންތަކެއް އަންނަނީ މިނިސްޓްރީން ބާއްވަމުންނެވެ.