ކިޔެވުމުގައި ދަށްކޮށް ނަތީޖާ ލިބޭ ދަރިވަރުންނަށް ކެރިއަރެއް ބިނާކުރުމުގެ ފުރުސަތު ހޯދައިދީ، އެފަދަ ޒުވާނުންނަށް ރަނގަޅު ވަޒީފާގެ މާހައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންސް (އެޗްޑީސީ)ގެ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި އެވެ.

ޓިވެޓް އޮތޯރިޓީއާ ގުޅިގެން މިއަހަރު އަލަށް ފެށި އެ ޕްރޮގްރާމް ފައްޓަވައިދެއްވީ މިއަދު އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އެޗްޑީސީގެ އެޗްއާރު ޑައިރެކްޓަރު އަހުމަދު ފާތިހު މިއަދު ވިދާޅުވީ، އެޗްޑީސީގެ އިންޓާންޝިޕް ޕްރޮގްރާމަށް 100 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލި ނަމަވެސް، މިފަހަރުގެ ޕްރޮގްރާމުގައި ފުރުސަތު ދީފައިވަނީ 20 ޒުވާނަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ، އިންޓާންޝިޕް ޕްރޮގްރާމަށް ފަސް ދާއިރާއަކުން ފުރުސަތު ހުޅުވާލި ނަމަވެސް އެކަށީގެންވާ ވަރަށް ކުދިން ނުލިބުމުގެ ސަބަބުން މި ފަހަރުގެ ޕްރޮގްރާމުގެ ދަށުން ތަމްރީން ދޭނީ ވަޑާންކުރުމާއި ވެލްޑިން ކުރުން އަދި ކަރަންޓު މަސައްކަތް ކުރުމުގެ ދާއިރާއިން ކަމަށެވެ.

ހަ މަހުގެ މުއްދަތަށް ކުރިއަށްދާ އެ ޕްރޮގްރާމުގައި ބައިވެރިވާ ބައިވެރިންނަށް އެލަވަންސެއް ވެސް ދޭއިރު ތަމްރީން ޕްރޮގްރާމުގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ހުންނަންޖެހޭ އަހުލާގާއި ޓީމް ވޯކަށް އަހުލުވެރިކޮށް ވަޒީފާއަކަށް ނުކުތުމަށް ތައްޔާރުކޮށްދޭނެ އެވެ.

އަދި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ޓިވެޓް އޮތޯރިޓީން ދޭ ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

ފާތިހު ވިދާޅުވީ، މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ހަ މަހުގެ މުއްދަތަށް ހިންގަން ނިންމާފައިވާ އެ ޕްރޮގްރާމުގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ޕްރޮގްރާމް ނިމުމުގެ ކުރިން ހުޅުވާލާނެ ކަމަށެވެ.