ގިޓައެއްގެ ތެރޭގައި ފޮރުވައިގެން ނ. ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އެރަށުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި، މަސްތުވާތަކެއްޗާއެކު އެރަށުން ހައްޔަރުކޮށްފައި ވަނީ، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން ފުރައިގެން ހޮޅުދޫއަށް އައި ބޯޓަކުން ގެނައި ގިޓައެއް ހިފައިގެން ދަނިކޮށް،" ފުލުހުން ބުންޏެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާގެ ހަށިގަނޑާއި އޭނާ ހިފައިގެންދިޔަ ގިޓާ ބަލައިފާސްކުރިއިރު ގިޓާ ތެރޭން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 34 ރަބަރު ޕެކެޓް ފެނިފައިވައިވާ ކަމަށް ފުލުހުން ބުނެއެވެ.

"އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެތީގެ ބާވަތަކަށްވަނީ ޕޮޒިޓިވް ވެފައި،" ފުލުހުން ބުންޏެވެ.

ގިޓައެއްގެ ތެރޭގައި ފޮރުވައިގެން، ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހާގެ މައްސަލަ ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ދާ ކަަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ، މިދިޔަ ބުދަ ދުވަހު ތ. ދިޔަމިގިލީން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފައެވެ.

ތ. ދިޔަމިގިލީ ހުޅަނގު ފަރާތު އަތިރިމަތީގައި ހުރި ފުނަ ގަހެއްގެ ކައިރިން ފެނުނު މަސްތުވާތަކެތި. އޭގެ ތެރޭގައި 81 ރަބަރު ޕެކެޓް ހިމެނޭ -- ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ވޭމަންޑޫ ޕޮލިސް ސްޓޭޝަން އަދި ދިޔަމިގިލި ޕޮލިސް ޑެސްކު ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ތަކެތި ހޯދާފައިވަނީ އެރަށުގެ ހުޅަނގުފަރާތުގައި ހުރި ފުނަގަހެއްގެ ކައިރިންނެވެ.

ފުލުހުން ބުނީ، އެގަސްކައިރިން ޓޭޕްއޮޅައި ބަންދުކޮށްފައިވާ އެއްޗެހިތަކެއް ފެނުމާ ގުޅިގެން އެތަކެތި ނަގައި ބަލައިފާސްކުރިއިރު އެތަކެތީގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 81 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

ދިޔަމިގިލިން ފެނުނު ފަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.