05 Jun 2011, 14:05
ސަބަބެއް ނާންގަވާ ނ. ޅޮހީ ރަށު ކައުންސިލްގެ ރައީސް އޮފީހަށް ނުނިކުންނަވަތާ މަހެއްވެއްޖެ ކަމަށް ޅޮހީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ނިސްބަތްވާ ޅޮހީ ކައުންސިލްގެ ރައީސް ހުސްނީ ޔޫސުފް އެއްވެސް ސަބަބެއް އެންގުމަކާއި ނުލައި އޮފީހަށް ނުނިކުންނަވާ މައްސަލައިގާ ޅޮހީ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުހަންމަދު މިއަދު ވިދާޅުވީ ކައުންސިލްގެ ރައީސް ހުންނެވީ ޗުއްޓީއެއްގައި ނޫންކަމަށާއި އޭނާ އޮފީހަށް ވަޑައި ނުގަންނަވާތާ މަހެއްހާ ދުވަސް ވެދާނެ ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގަތުން ހުއްޓާލައްވާފައި ވަނީ އޭޕްރީލް 30، 2011 އިން ފެށިގެން ކަމަށެވެ.
"އެބޭފުޅާއަށް އެނގޭނީ އެބޭފުޅާ އޮފީހަށް ނުނިކުންނަވާ ސަބަބެއް. ޗުއްޓީއެއް ނުނަންގަވާ،" އަބްދުﷲ މުހަންމަދު ވިދާޅުވި އެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ޅޮހީ ކައުންސިލްގެ ރައީސް ހުސްނީ މިއަދު ވިދާޅުވީ ޗުއްޓީ ނެންގުވުމެއް ނެތި އޮފީހަށް ވަޑައިނުގެން ހުންނެވީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ. ޗުއްޓީއެއް ނުނެންގެވީ އޮފީހަށް ވަޑައި ނުގެން މުސާރަ ނަންގަވަން ބޭނުންފުޅު ނުވާތީ ކަމަށްވެސް ހުސްނީ ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް ގޮތަކުން ފިކުރު ތަފާތުވެގެން، ނޫނީ ރަށު މީހަކާއި މައްސަލައެއް ޖެހިގެނެއް ނޫން. އަޅުގަނޑު ބަލި ކަމުން ނުދަނީ،" ހުސްނީ ވިދާޅުވި އެވެ.