24 Sep 2016, 15:36
ކުރިޔަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަހަކަށް ވުރެ ގިނަ ރީޖަނަލް އެއާޕޯޓު އެޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މިއަދު ފެށި ބީއެމްއެލް ގެސްޓްހައުސް ކޮންފަރަންސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދަތުރުފަތުރުގެ ޚަރަދަކީ ބޮޑު ޚަރަދެއް ކަމަށާއި އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ ގިނަ އެއާޕޯޓްތައް ގާއިމު ކުރި ވަރަކަށް ދަތުރުފަތުރު އަގުހެޔޮވާނެ ކަމަށެވެ.
"ސަރުކާރުން ތިބީ މިކަން ކޮށްދޭން ތައްޔާޜަށް ކުރިޔަށް އޮތް ދެ ތިން އަހަރު ތެރޭގައި ފަހަކަށް ވުރެ ގިނަ ރީޖަނަލް އެއާޕޯޓު ރާއްޖެއަށް ސަރުކާރުން ގެނެސްދޭނަން. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވެސް ވަރަށް މުހިންމު ތަސައްވަރެއް. ސަރުކާރުން ވަނީ އެއާޕޯޓުތަކެއް އަޅާނެ ކަމުގެ ވައުދު ވެފައި،" ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކި ސިނާއަތްތަކުން ގިނަ ވިޔަފާރިވެރިންތަކެއް ދަނީ ދަތުރުފަތުރު އަގުބޮޑުވުމުގެ މައްސަލަ ފާހަގަކުރަމުން ކަމަށެވެ.
ފިނޭންސް މިނިސްޓަރު މުނައްވަރު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ސަން ފައިލް ފޮޓޯ/
"ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން ދަތުރުފަތުރުގެ އަގު ވަރަށް ބޮޑު. ހަމަ އެއާ އެކު ފާހަގަ ކުރަން ޖެހޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީޖަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން،"
މިނިސްޓަރު ވިދާޅުވީ މިވަގުތު ދަތުރުފަތުރުގެ ޚަރަދު ބޮޑީ ރާއްޖޭގައި އެއާޕޯޓް ފަދަ ތަންތަން މަދު ވީމަ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދަތުރުފަތުރުގެ އަގު އިތުރަށް ކުޑަ ކުރެވޭނެ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ އޮޕަރޭޓަރުން ގުޅިގެން ޕެކޭޖުތަކެއް އުފައްދައިފި ނަމަ ޚަރަދު ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަންގައި ބޯޓެއް ޕާކު ކުރަން އަންނަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖޭގައި މިހާރު ގިނަ އެއާޕޯޓުތަކެއް ހުރެ އެވެ. އެއީ ހދ. ހަނިމާދޫ އެއާޕޯޓު، ރ. އިފުރު އެއާޕޯޓު، ބ. ދަރަވަންދޫ އެއާޕޯޓު، އދ. މާމިގިލީ ވިލާ އިންޓަނޭޝަނަލް އެއާޕޯޓު، ތ. ތިމަރަފުށީ އެއާޕޯޓު، ލ. ކައްދޫގައި ހުންނަ އިސްކަންދަރު ވައިގެ މަރުކަޒު، ގއ. ކޫއްޑޫ އެއާޕޯޓު، ގދ. ކާޑެއްދޫ އެއާޕޯޓު، ފުވައްމުލަކު ސިޓީ އެއާޕޯޓު، އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު އަދި މާލޭގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ.
ބައެއް އެއާޕޯޓު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، ރިއޯލޯ ނަމަކަށް ކިޔާ ކުންފުންޏަކުން ދ. ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީ ކުރަމުންދާ އިރު، އެ އެއާޕޯޓު ނޮވެމްބަރުގައި ހުޅުވުމަށް ވަނީ ނިންމައިފަ އެވެ.
ނ. މާފަރުގައި އެއާޕޯޓެއް އެޅުމަށް ފުރަތަމަ ހަވާލު ކުރީ މިލޭނިއަމް ކެޕިޓަލްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެހެން ނަމަވެސް އެގްރީމަންޓާ ހިލާފުވެގެން އެ ކުންފުނީގެ ދަށުން އެ މަޝްރޫއު ވަކިކޮށް އަލުން ވަނީ ބީލަމަށް ލައިފަ އެވެ. އަދި ތިން ކުންފުންޏަކުން ވަނީ އެކަމަށް ކުރިމަތިލައިފަ އެވެ.

(ކ) ށ. ފުނަދޫ އަދި (ވ) ހދ. ކުޅުދުއްފުށި --
މީގެ އިތުރުން ކުޅުދުއްފުއްޓާއި ށ. ފުނަދޫގައި އެއާޕޯޓު އަޅަން ޝައުގުވެރިވާ ބަޔަކު ހޯދުމަށް މިދިޔަ އޭޕްރިލް މަހު ދެފަހަރެއްގެ މަތިން އިއުލާނު ކުރި އެވެ. އަދި ފ. ނިލަންދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް އޯގަސްޓް މަހުގެ ތެރޭގައި ސާވޭއެއް ކޮށްފައިވެ އެވެ.
އަދި ގދ. ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅުރަށް، ގދ. ލާބަދޫގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމާފައި ވެސްވެ އެވެ.