24 Sep 2016, 16:02
ސްޕެއިން ޗެމްޕިއަން ބާސެލޯނާ އިން އެދެނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަށް އެންމެ ރަނގަޅު ގޮތްވުން ކަމަށް އެ ކްލަބުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
އެންރީކޭ އެގޮތަށް ބުނެފައި ވަނީ މެސީ އަށް އަނިޔާވުމާ ގުޅިގެން އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު އެޑްގާޑޯ ބައުޒާ ބާސާ އަށް ފާޑުކިޔާފައި ވަނިކޮށެވެ. ބައުޒާ ބުނާ ގޮތުގައި ބާސާ އިން މެސީ އަށް ކަންތައް ކުރަމުންދަނީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށެވެ.
މެސީ އަށް އެންމެ ފަހުން އަނިޔާވެފައި ވަނީ ސްޕެނިޝް ލަލީގާގައި މިދިޔަ ބުދަ ދުވަހު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާ ކުޅެ 1-1 ލަނޑުން އެއްވަރުވި މެޗުގަ އެވެ. އޭނާ އަށް އަނިޔާވި ނަމަވެސް ތިން ހަފްތާ ތެރޭ އޭނާ އަނިޔާ އިން ސަލާމަތްވެ ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ބާސާ އިން ބުނި ނަމަވެސް، އާޖެންޓީނާގެ ކޯޗު ބައުޒާ ބުނާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި އޭނާ މުޅިން ފިޓް ނުވާނެ ކަމަށެވެ.
"އެކި މީހުން ދަނީ އެކިގޮތަށް ވާހަކަދައްކަމުން. އަހަރެމެން ބޭނުން ވަނީ މެސީ އަށް އެންމެ ރަނގަޅަށް ކަންތައް ވާން. އަދި ހަމަ އެގޮތަށް ކްލަބުގެ އެހެން ކުޅުންތެރިންނަށް ވެސް. ކުޅުންތެރިޔަކަށް އަނިޔާވުމަކީ އަހަރެމެންނަށް ލިބޭ ބޮޑު ދެރެއެއް. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް އަނިޔާވުމަކީ އެންމެންނަށް ވެސް ލިބޭނެ ބޮޑު ދެރައެއް،" ސްޕޯޓިން ގިޔޮންއާ ދެކޮޅަށް ބާސާ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބާސާގެ ކޯޗު އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ، މެސީއާ ބެހޭ ގޮތުން ދެކެވޭ ދޮގު ވާހަކަތަކުގެ ތެރެއަށް ވަނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެހެންވެއްޖެ ނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ.
"އަހަރެމެންނަށް މެސީ ނުލައި ކާމިޔާބު ހޯދިދާނެ. މިދިޔަ އަހަރު ދެ މަހުގެ މުއްދަތަކަށް މެސީ އަށް ކުޅުމާ ދުރަށް ދާން ޖެހުނު. އެކަމަކު އަހަރެމެންނަށް އެކަމުން އަރައިގަނެވުނު. ބާސާގައި ވަރުގަދަ ސްކޮޑެއް އެބައޮތް. މެސީ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. ނަމަވެސް މިހާރު ޓީމުގައި ތިބި ކުޅުންތެރިންނާ އެކު އަހަރެމެންނަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ،" އޭނާ ބުންޏެވެ.