24 Sep 2016, 15:43
ބްރެޒިލްގެ ސަންޓޯސް އިން ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ނޭމާއާ ދެކޮޅަށް ވެއްދި މައްސަލަ އަލުން ބެލުމަށް ސްޕެއިންގެ ހައި ކޯޓުން އަމުރުކޮށްފި އެވެ.
ސަންޓޯސް އިން ބާސާ އަށް 2013 ވަނަ އަހަރު ބަދަލުވުމުގައި ނޭމާ މަކަރު ހަދާފައިވާ ކަމަށް ބުނެ ސުޕެއިންގެ ކޯޓަކަށް މައްސަލަ ވައްދާފައި ވަނީ ބްރެޒިލްގެ ކުންފުންޏެއް ކަމަށްވާ ޑީއައިއެސް އިންނެވެ. ނަމަވެސް އޭރު އެ ކޯޓުން އެ މައްޗަށް ވަނީ ބޭރުކޮށްލައިފަ އެވެ.
ބާސާ އިން ނޭމާ ގަތުމަށްޓަކައި ސަންޓޯސް އަށް 17.1 މިލިއަން ޔޫރޯ އާއެކު 40 މިލިއަން ޔޫރޯ ދީފައިވެ އެވެ. މިހާރު އެ ކްލަބާ ހަވާލުވެހުރި ޖޯސެޕް މަރިއާ ބާޓޮމެއޫ ބުނާ ގޮތުގައި، ނޭމާ ގަތުމަށް ޓަކައި އެ ކްލަބުން 86 މިލިއަން ޔޫރޯ ހަރަދުކޮށްފައިވެ އެވެ.
އެ މައްސަލައިގައި ނޭމާގެ އިތުރުން އޭނާގެ ބައްޕަ އާއި، ސަންޓޯސް އަދި ބާސާ އަށް ވެސް ދައުވާ ކުރާނެ އެވެ. ނޭމާގެ ޓްރާންސްފާ މައްސަލައިގައި ޓެކުހަށް މަކަރު ހެދިކަމުގެ މައްސަލައެއްގައި މިދިޔަ ޖޫން މަހު 5.5 މިލިއަން ޔޫރޯ އިން ބާސާ ޖޫރިމަނާކޮށްފައިވެ އެވެ.
ނޭމާގެ މައްސަލަ ކޯޓުން އަލުން ބަލަން ޖެހިފައިވާ އިރު، އޭނާ ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ދާދި ފަހުން އާކޮށްފަ އެވެ. މިހާރު އެއްބަސްވުމުގައިވާ ގޮތުން، ބާސާއާ އެކު ނޭމާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 އަހަރު އެވެ.