ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކޮމްޕެނީ، އެލައިޑް އިންޝުއަރަންސް އިން ރާއްޖޭގައި ހިންގަމުން އަންނަ ގެސްޓްހައުސްތަކަށް ހާއްސަކޮށް އިންޝުއަރަންސް ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ "ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް"ގައި އެލައިޑުން ތައާރަފްކުރި "އެލައިޑް ގެސްޓްހައުސް އިންޝުއަރަންސް"އަކީ އެ ވިޔަފާރީގައި ހިމެނޭ ގިނަ ދާއިރާތަކެއް ހިމެނޭގޮތަށް، ލިބޭ ގެއްލުންތައް ކަވާކޮށްދޭ ޕެކޭޖެކެވެ. އެ އިންޝުއަރަންސް ޕޮލިސީގެ ދަށުން "ގެސްޓްހައުސް ބަޖެޓް"، "ގެސްޓްހައުސް ބަޖެޓް ޕްލަސް" އަދި "ގެސްޓްހައުސް ޕްރިމިއަމް" ޕެކޭޖް ނެގޭނެ ކަމަށް އެލައިޑުން ބުނެ އެވެ.

އެ ތިން ޕެކޭޖުގައި ވެސް ގެސްޓްހައުސްތަކަށް އެންމެ ބޭނުންވާ ރައްކާތެރިކަން އެކުލެވިގެންވާނެ ކަމަށް އެލައިޑުން ބުންޏެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި ހޮނުއެޅުން އަދި ގޮވުމާއި މުޒާހަރާތަކާއި ހަޅުތާލުތަކުން ލިބޭ ގެއްލުމާއި ގަސްތުގައި މީހަކު ނުވަތަ ބަޔަކުދޭ ގެއްލުމާއި ފެންހޮޅިތައް ފަޅައިގެން ދިއުމުން ލިބޭ ގެއްލުމާއި އެއްގަމު އުޅަނދެއް މުޑިއެރުމުން ގެސްޓްހައުސްއަށް ލިބޭ ގެއްލުން ހިމެނެ އެވެ.

އޭގެ އިތުރުން މަތިންދާ ބޯޓު ނުވަތަ އުދުހޭ ވަސީލަތްތައް މުޑިއެރުމުން ގެސްޓްހައުސްއަށް ލިބޭ ގެއްލުމާއި ބިންހެލުން، ސުނާމީ އަދި އުދައެރުން، ބޮޑެތި ތޫފާނުތަކާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން، ގެސްޓްހައުސް އޮޕަރޭޝަންގައި ތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުންފަދަ ކަންތައްތައް ހިމެނެ އެވެ. މި ހުރިހާ ރައްކާތެރިކަމެއް ވެސް ގެސްޓްހައުސް ބަޖެޓް ޕެކޭޖްގެ ދަށުން ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.

"ގެސްޓްހައުސް ބަޖެޓް ޕްލަސް" ނަގާނަމަ، "ގެސްޓްހައުސް ބަޖެޓް" ޕެކޭޖްގައި ހިމެނޭ ހުރިހާކަމެއްގެ އިތުރުން ވައްކަމުގެ ސަބަބުން ވިޔަފާރިއަށް ލިބޭ ގެއްލުމާއި އެކްސިޑެންޓްތަކުގެ ސަބަބުން ދާއިމީ މުވައްޒަފުންނަށް ލިބޭ ހާނީއްކައާއި ދާއިމީ ގެއްލުމާއި މަރުގެ ހާދިސާތަކަށް ބަދަލު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން "ގެސްޓްހައުސް ޕްރިމިއަމް" ނަގާ ނަމަ "ގެސްޓްހައުސް ބަޖެޓް" އަދި "ގެސްޓްހައުސް ބަޖެޓް ޕްލަސް"ގައި ހިމެނޭ ހުރިހާ ހިދުމަތްތަކާ އެކު، ވޯޓާސްޕޯޓްސްގެ ހަރަކާތްތަކުގައި ލިބިދާނެ ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު ލިބޭނެކަމަށާއި ގުދުރަތީ ކާރިސާއެއްގެ ސަބަބުން ވިޔަފާރި ހުއްޓިއްޖެ ނަމަ އެ މުއްދަތުގައި ލިބޭނެ މާލީ ފައިދާގެ ބަދަލު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެލައިޑް ކުންފުނިން މައުލޫމާތުދެ އެވެ.

އެ ޕެކޭޖްގެ ދަށުން ވިޔަފާރި ހުއްޓުމުން ލިބޭނެ ގެއްލުންތަކުގައި ތެރޭގައި ހިމެނިދާނެ، އިމާރާތުގެ ކުލިފަދަ ހަރަދުތަކަށް ވެސް ބަދަލު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.