ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން (އެމްއެންޔޫއެސްޔޫ)ގެ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޔުނިވާސިީޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގެ މައްޗަށް ބޮޑު ތަފާތަކުން ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުން ކުރި ހޯދައިފި އެވެ.

"ލިޓަސް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ"ގެ ނަމުގައި އިއްޔެ އިން ފެށިގެން އެކުވެނި ފުޓްސަލް ގްރައުންޑުގައި ކުރިއަށްދާ ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީ އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި އިއްޔެ މެންދުރުފަހު ގްރޫޕް އޭ އަދި ބީގެ ހަތަރު މެޗެއް ކުޅުނުއިރު، މެންދުރުފަހު ހަ މެޗެއް ކުޅެފައިވެ އެވެ.

މެންދުރުފަހު ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ތެރެއިން ގްރޫޕް ސީ ގައި ހިމެނޭ ވިލާ ކޮލެޖާއި މެޕްސް ކޮލެޖް ބައްދަލުކުރި ވާދަވެރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

އެ މެޗުގައި ވިލާ ކޮލެޖުގެ ހަމައެކަނި ގޯލް އަހުމަދު ޔާސިރު ޝަރީފު ކާމިޔާބު ކުރިއިރު، މެޕްސް ކޮލެޖުން ޖެހި ގޯލް ކާމިޔާބު ކަޮށްދިނީ ހުޒާމް ހުސެއިން ދީދީ އެވެ. އަދި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާއިފް މުހައްމަދެވެ.

ގްރޫޕް ސީގައި ހިމެނޭ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޓް ޓުއަރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް) އާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ކުޅުނު މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުން އެފްއެޗްޓީއެސް އިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެޗްޓީއެސްގެ ނާޖިހް އިބްރާހިމެވެ.

ގްރޫޕް ޑީގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ހައި އާއި މައި ކޮލެޖެވެ. އެ މެޗު 6-1 ގެ ނަތީޖާއަކާއެކު ފަސޭހަ މޮޅެއް މައި ކޮލެޖު ހޯދިއިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ކޮލެޖުގެ އިބްރާހިމް ނޫރުދީނެވެ.

ގްރޫޕް ޑީގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު ދެ ވަނަ މެޗުގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީ އާއި ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރީ ބިޒްނަސް ސްކޫލުންނެވެ. އެ މެޗުގައި 7-1 ގެ ނަތީޖާއަކުން ބިޒްނަސް ސްކޫލުން ކާމިޔާބުކުރި އިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ބިޒްނަސް ސްކޫލަށް ދެ ގޯލު ކާމިޔާބު ކޮށްދިން މާލިކު އަބްދުލް ގަފޫރެވެ.

ރޭ އެންމެ ފަހުން ކުޅުނީ ގްރޫޕް އީގެ ގްރޫޕް ސްޓޭޖުގެ ދެ މެޗެވެ. އެގޮތުން ފުރަތަމަ މެޗުގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ވާދަކުރި މެޗު ނިމުނީ 2-0 ގެ ނަތީޖާއަކުން އިސްލާމިކް ޔުނިވާސިޓީ މޮޅުވެގެންނެވެ. އެ މެޗުގައި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިޔޫއެމްގެ އަހުމަދު މައުސޫމެވެ.

ގްރޫޕް އީގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނީ ކްލިކް ކޮލެޖާއި ފެކަލްޓީ އޮފް ހެލްތް ސައިންސް އެވެ. އެ 5-0 ގެ ނަތީޖާއަކާއެކު ކުލިކް ކޮލެޖް ކާމިޔާބުކުރި އިރު، އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ކޮލެޖުގެ ހަސަން ސައީދެވެ. އޭނާ ވަނީ މެޗުގައި ކުލިކް ކޮލެޖަށް ދެ ގޯލް ކާމިޔާބު ކޮށްދީފަ އެވެ.

ކޮންމެ ހަފްތާ ބަންދެއްގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެ މުބާރާތް ކުރިއަށްދާނީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމު ސީދާ ކުއާޓާ އަށް ގޮސް، މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ތިން ޓީމަށް ކުއާޓާގެ ފުރުސަތު ދޭ ގޮތަށެވެ.

އެގޮތުން މިރޭ ވެސް އެ މުބާރާތުގެ 10 މެޗެއް ކުޅޭނެ ކަމަށް އެމްއެންޔޫއެސްޔޫ އިން ބުނެއެވެ.