24 Sep 2016, 14:05
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދެން ކުރިއެރުވެން އޮތް މަގަކީ ގެސްޓްހައުސް ވިޔަފާރި ނުވަތަ ގެސްޓްހައުސްގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްގީ ކޮށްގެން ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މިއަދު ފެށި ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރަންސްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޚާއްސަވެފައި އޮތީ ވަކި ބަޔަކަށް ކަމަށާއި އެ ދާއިރާ އާންމު ރައްޔިތު މީހާއާ ހަމައަށް ނާންނަ ކަމަށެވެ.
އެހެން ނަމަވެސް ރާއްޖެއަށް ގެސްޓްހައުސް ފަތުރުވެރިކަމުގެ ވިޔަފާރި ތައާރަފު ކުރެވުމާ ގުޅިގެން، ފަތުރުވެރިކަމުގެ މަންފާ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާ ހަމައަށް އަންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވަނީ ގެސްޓްހައުސް ފަތުރުވެރިކަމުގެ ސަބަބުން ލިބޭ މައިގަނޑު ތިން ފައިދާއަކަށް އަލިއަޅުވާލައްވައިފަ އެވެ.
އެގޮތުން، މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ތަންތަން ކަމުން، އެ ރަށްރަށުގެ މީހުންނަށް ގެސްޓްހައުސާއި ފަތުރުވެރިކަމާ ގުޅޭ އެކި ވަޒީފާތަކުގެ ފުރުސަތު ލިބޭ ކަމަށެވެ.

ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރަންސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މީހަކަށް ވަޒީފާއެއް ލިބުމަކީ ވަރަށް ޚާއްސަ ކަމެއް. އަމިއްލަ ރަށުން ވަޒީފާއެއް ލިބި، ރަށުން އިތުރު ފުރުސަތުތަކެއް ލިބޭ ނަމަ އެކަން މާ ބޮޑަށް ޚާއްސަވޭ،
"ސަރުކާރުން އަމާޒު ކުރަމުން ދަނީ ފަތުރުވެރިކަން ދެގުނައަށް ތަރައްގީ ކުރުމަށް. ގިނަ ވަޒީފާތަކެއް އުފެއްދިދާނެ. އެކަމަކު ސުވާލަކީ ކިތައް ދިވެހީންނަށް ތޯ އެ ވަޒީފާތަކުގައި މަސައްކަތް ކުރެވޭނީ. އަޅުގަނޑުގެ ނަޒަރުގައި މިކަން ކުރެވޭނީ ގެސްޓްހައުސް ވިޔަފާރީގެ ދާއިރާ ފުޅާކޮށްގެން. ދިވެހި އާންމު ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ލިބޭނީ ގެސްޓްހައުސް ވިޔަފާރި މެދުވެރިކޮށް،" ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.
ދެވަނަ ކަމަކަށް މިނިސްޓަރު މުނައްވަރު ފާހަގަ ކުރެއްވީ އަންހެނުން ބާރުވެރިކުރުމާއި އަންހެން ވިޔަފާރިވެރިން މި ދާއިރާގެ ތެރެއިން އުފެދުމެވެ. މިނިސްޓަރު ވިދާޅުވީ މުޖުތަމައުގެ ވިސްނުން އޮންނަ ގޮތާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލް އޮތް ގޮތުން ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރު ވަރަށް ކުޑަ ކަމަށެވެ.
"ރަށްރަށުގައި އެބަ އުޅޭ ތައުލީމު ލިބި، ނަމަވެސް ވަޒީފާ ނެތިފައި ތިބޭ އަންހެނުން. ގެސްޓްހައުސް ވިޔަފާރީން ސާބިތުކޮށްދީފި އަންހެނުންނަށް ރަށުގައި ތިބެގެން ވެސް މިފަދަ މަސައްކަތްތަކުގައި ބައިވެރިވެވޭނެ ކަން،"
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިތަކަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ބޮޑު ފުރުސަތެއް ކަމަށެވެ. މިނިސްޓަރު މުނައްވަރު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތުތަކުން ސީދާ އަދި ނުސީދާކޮށް ވެސް ފެންނާނެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ސަރުކާރުން ދޭ އަހައްމިއްޔަތު،"
މިނިސްޓަރު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިނުމަށް ކަނޑައަޅާ ލޯނުގެ ފައިސާގެ ތެރެއިން 20 ޕަސަންޓަކީ ގެސްޓްހައުސް ހިންގާ ވިޔަފާރިތަކަށް ދިނުމަށް ކަނޑައަޅައި ނިންމާފައިވާ މިންވަރެއް ކަމަށެވެ.
"މިކަމުން އެނގެނީ ސަރުކާރުން މިކަމަށް ސިޔާސަތު ކަނޑައަޅައި، އެކަން ކުރަމުން ދާ ކަން. ސަރުކާރުން ބޭނުންވޭ ވަކި މިންވަރެއްގެ ފައިނޭންސް މި ދާއިރާއަށް ކޮންމެ އަހަރަކު ވެސް ދޭނެކަން ޔަގީން ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.