ވޮޝިންޓަން (ސެޕްޓެމްބަރު 24): ދެހާސްއެއްވަން އަހަރުގެ ސެޕްޓެމްބަރު 11ގައި އެމެރިކާ އަށް ދިން ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކުން ސައުދީ އަރަބިއާގެ ސަރުކާރާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް ހަދާފައިވާ ބިލެއް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވީޓޯ ކުރައްވައިފި އެވެ.

އެބިލް ވީޓޯ ކުރައްވަމުން އޮބާމާ ވަނީ 9/11ގައި ދިން ހަމަލާތަކުގައި ގެއްލުން ލިބުނު އާއިލާތަކަށް ހަމްދަރުދީ ވެވަޑައިގަންނަވާ ކަމަށާއި އެއާއިލާތަކުން އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް އިހުތިރާމު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެބިލުގެ ސަބަބުން އެމެރިކާ އިން ތާއިދުކޮށްފައިވާ، ނުވަތަ ތަމްރީނު ކޮށްފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ އަމަލުތަކާ ގުޅިގެން އެމެރިކާ އާއި އެމެރިކާގެ ޑިޕްލޮމެޓުންނާއި އަސްކަރިއްޔާއާ ދެކޮޅަށް ދައުވާތައް ކުރެވިދާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.

އެ ބިލް ކޮންގްރެސް އިން ފާސްކޮށްފައި ވަނީ މުޅި ހައުސްގެ އިއްތިފާގުންނެވެ.

ބިލަށް ތާއިދު ކުރާ އެމެރިކާގެ ރައްޔިތުން ވަނީ އޮބާމާ އެބިލު ވީޓޯ ކުރެއްވި ސަބަބަކީ ގަބޫލު ކުރެވޭ ސަބަބެއް ނޫން ކަމަށާއި އޭގެ ތަފްސީލު ދެއްވާފައި ނުވާ ކަމަށް ބުނެ ކޮންގްރެސް އިން އޮބާމާގެ ނިންމުން ބާތިލު ކުރުމަށް ގޮވާލައިފަ އެވެ. ކޮންގްރެސްގެ ދެ ޗޭމްބަރުން އޮބާމާގެ ނިންމެވުން ބާތިލު ކުރުމަށް ތާއިދުކޮށްފި ނަމަ އޮބާމާގެ ނިންމެވުން ބާތިލުވާނެ އެވެ. އެމެރިކާގެ ވައިޓް ހައުސްއިން ދަނީ ކޮންގްރެސް އިން އެފަދަ ފިޔަވަޅެއް ނޭޅުމަށް ގޮވާލަމުންނެވެ.

މީގެ 15 އަހަރު ކުރިން ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަންއަށް ހަމަލާ ދިން އަލްގައިދާގެ 19 މީހުންގެ ތެރެއިން 15 މީހުންނަކީ ސައުދީ އަރަބިއާގެ ރައްޔިތުންނެވެ. އަދި އެ ހަމަލާގައި ސައުދީ ސަރުކާރުގެ އެއްވެސް ރޯލެއްވާ ނަމަ ސައުދީ ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމުގެ ހައްގު ހޯދައި ދިނުމަށް އެދި 9/11ގައި ގެއްލުންވި އާއިލާތަކުން ގޮވާލާތާ އެތައް އަހަރެއް ވެއްޖެ އެވެ.

ނަމަވެސް ސައުދީ ސަރުކާރުން ވަނީ އެ ހަމަލާގައި އެސަރުކާރުގެ އަތެއް ނުވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި 2003 ވަނަ އަހަރު އެމެރިކާ ސަރުކާރުން ނެރުނު ރިޕޯޓެއްގައި އެގައުމުން ވަނީ ސައުދީ ސަރުކާރުން އަލް ގައިދާއަށް ފަންޑު ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)