ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން (އެމްއެންޔޫއެސްޔޫ)ގެ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ބަލިކޮށް މޯލްޑިވްސް ބިޒްނަސް ސްކޫލުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ރާއްޖޭގެ ކޮލެޖް، ޔުނިވާސިޓީ އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ފެށީ ރޭގަ އެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ 10 މެޗެއް ރޭ ކުޅެފައިވާ އިރު، ޔުނިވާސިޓީގެ ފެކަލްޓީތަކުގެ މައްޗަށް ބައިވެރިވި އަމިއްލަ ކޮލެޖް، ޔުނިވާސިޓީ އަދި ހައި ސްކޫލްތަކުން ވަނީ ކުރި ހޯދާފަ އެވެ.

އެގޮތުން، ރޭ ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މައްޗަށް 3-1 ލަނޑުގެ ތަފާތަކުން މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) ވަނީ ކުރި ހޯދާފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްބީއެސްގެ އައިރޮން އަހުމަދު ރަޝީދެވެ.

އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ އެވިޑް ކޮލެޖާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސެވެ. އެ މެޗު 1-3 ގެ ނަތީޖާއަކުން އެވިޑް ކޮލެޖު ކާމިޔާބުކުރި އިރު، މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ އެކޮލެޖުގެ މުހައްމަދު ފަޒްލޫނެވެ.

ގްރޫޕް ބީ ގެ ދެ މެޗެއްވެސް ރޭ ވަނީ ކުޅެފަ އެވެ. އެގޮތުން މެޕްސް އިންޓަނޭޝަނަލް ހައި އާއި ގައުމީ ޔުނިވާސިޓީގެ ފައުންޑޭޝަން ސްޓަޑީސްއާ ދެމެދު ކުޅުނު ވާދަވެރި މެޗުގައި 3-2 ގެ ނަތީޖާއަކުން މޮޅުވީ މެޕްސް އިންޓަނޭޝަނަލް ހައި އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއާ އަށް ހޮވުނީ މެޕްސްގެ އަބްދުﷲ ސުޒެއިރެވެ.

ދެވަނަ މެޗުގައި ސައިރިކްސް ކޮލެޖާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސް ބައްދަލުކުރަން ހަމަޖެހިފައި އޮތް ނަމަވެސް، ފެކަލްޓީ އޮފް އާޓްސް އިން މެޗަށް ހާޒިރުނުވުމުގެ ސަބަބުން ސައިރިކްސް ކޮލެޖަށް ވަނީ ތިން ޕޮއިންޓާއެކު ފައިދާ ދެ ގޯލް ލިބިފަ އެވެ.