ރާއްޖޭގައި އޮޕަރޭޓުކުރާ 160 އަށް ވުރެ ގިނަ ގެސްޓްހައުސްގެ ބައިވެރިވުމާ އެކު، ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފެރެންސް ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.

ގެސްޓްހައުސް މޯލްޑިވްސްއަކީ، ގެސްޓްހައުސް ޓޫރިޒަމަށް ޚާއްސަކޮށްގެން މޯލްޑިވްސް ގެޓްއަވޭސްއިން ނެރޭ މެގަޒިން އެކެވެ.

މި ކޮންފެރެންސް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރެވެ.

ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އާދަޔާ ހިލާފު މޮޑެލްއެއް ކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ އެންމެ ބޮޑު ހިއްސާއަކީ ފަތުރުވެރިކަން ކަމަށެވެ.

"މީގެ ކުރިން ޔޫއެންއާ ވޯލްޑްބޭންކް ފަދަ ތަންތަނުން ނެރުނު ރިޕޯޓުތަކަށް ބަލާއިރު ބުނޭ، ރާއްޖޭގެ ބޭނުންވާ އިންފްރާސްޓްރަކްޗަރެއް ނެތޭ، އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން މަތީ ފެންވަރަކަށް ކުރިއަރައި ނުދާނެއޭ. އެކަމަކު އަޅުގަނޑުމެން ސާބިތުކޮށްދީފިން އެއީ ހަގީގަތެއް ނޫންކަން. ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އަޅުގަނޑުމެން ސާބިތުކޮށްދީފިން ރާއްޖޭގެ ފަތުރުވެރިކަމަކީ އެންމެ ބޮޑަށް ފުޅާވަމުންދާ ދާއިރާކަން،"

މިނިސްޓަރު ވިދާޅުވީ މިއަދުގެ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ފަތުރުވެރިކަމަކީ ކޮންމެ ކަހަލަ ހާލަތެއް ދިމާވިޔަސް އެކަމަކުން އަރައިގަނެ، ރަނގަޅަށް މަސައްކަތް ކުރާނެ ފަދަ ދާއިރާއަކަށް ހެދުން ކަމަށާއި، މިވަގުތަކީ ޕްރައިވެޓް ސެކްޓަރުން ސަރުކާރާ އެކު މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރިއަކީ މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި އެންމެ ބޮޑަށް ކުރިއަރަމުން އައި ވިޔަފާރި ކަމަށާއި ތަފާސް ހިސާބުތަކުން ވެސް އެކަން ހާމަވާ ކަމަށެވެ.

"މިދިޔަ 40 ނުވަތަ 50 އަހަރަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، އާންމު ރައްޔިތު މީހާއާ ހަމައަށް އައިސްފައެއް ނުވޭ. އެކަމަކު ގެސްޓްހައުސް ސިނާއަތުން ސާބިތުކޮށްދޭ މިއީ ވާނެ ކަމެއްކަން،

"ގެސްޓްހައުސް ވިޔަފާރި ދަނީ ވަރަށް ބޮޑަށް ކުރިއަރަމުން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ގެސްޓްހައުސް ވިޔަފާރި ކުރިޔަށް އޮތް ތަނުގައި ދާނީ އިތުރަށް ތަރައްގީ ވަމުން،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

ގެސްޓްހައުސް މޯލްޑިވްސް ކޮންފެރެންސްގެ ޓައިޓަލް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލްއިން ދަނީ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

އަދި 2020 ގެ ކުރިން ރާއްޖޭގެ ގެސްޓްހައުސްތަކަށް ފަސް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ގެނައުމަށް މޯލްޑިވްސް ގެޓްއަވޭސްއިން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ބީއެމްއެލްއިން އެއްބާރުލުން ދޭނެ ކަމަށް ވެސް ހީލީ ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިއަދު ކުރިޔަށްދާ ބީއެމްއެލް ގެސްޓްހައުސް މޯލްޑިވްސް ކޮންފެރެންސްގައި 160 އަށް ވުރެ ގިނަ ގެސްޓްހައުސްގެ ވެރިންނާއި، 15 ވިޔަފާރި ކުންފުނިން ބައިވެރިވެ އެވެ. މީގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ބައިވަންއަގުވާމީ ފަރާތްތައް ކަމުގައިވާ ބުކިންގް ޑޮޓް ކޮމް، އެކްޕީޑިއާ، ވިސްޓާ ރޫމްސް އަދި އަގޯޑާއިން ބައިވެރިވެ އެވެ.