24 Sep 2016, 14:08
އދ. މަހިބަދު އާއި ރ. އުނގޫފާރުގެ މަގު ހެދުމުގެ މަޝްރޫއު އަމަލީ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ން މިއަދު ފަށައިފި އެވެ.
އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ރައްޒާގު ހަލީމު "ސަން"އަށް މިއަދު ވިދާޅުވީ މަހިބަދޫގައި ގާ އަތުރައިގެން 19 މަގެއް ހެދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތަކީ 27.77 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ރ. އުނގޫފާރުގައި 14 މަގެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގެ މަގުތައް ހަދަނީ ތާރު އަޅައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އުނގޫފާރު މަގު ހެދުމުގެ މަސައްކަތަކީ 32.6 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށެވެ.
ރ. އުނގޫފާރު މަގު ހެދުމުގެ މަސައްކަތ ކުރިއަށްދަނީ: ފޮޓޯ/ އެމްއާރްޑީސީ
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުނގޫފާރު މަގުތައް ރަނގަޅު ޒަމާނީ ފެންވަރަކަށް ހެދުމުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް އެތައް ގޮތަކުން ވެސް ފަސޭހަތަކެއް ލިބިގެންދާނެ،" ހަލީމް ވިދާޅުވި އެވެ.
އުނގޫފާރާއި މަހިބަދޫގެ މަގުހެދުމުގެ މަސައްކަތް މިއަދު ފަށާފައިވާ އިރު މިދިޔަ ހަފްތާގެ ތެރޭގައި އެމްއާރްޑީސީން ވަނީ ހދ. ކުޅުދުއްފުށްޓާއި ރ. މީދޫގެ މަގު ހެދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.