އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ކައިރީގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އައްޑޫ ސިޓީ ކުނި ކޮށި ސަރަހައްދުން މިއަދު ހިނގި ކަމަށެވެ. އަދި އެ އެކްސިޑެންޓު ހިނގީ އެ ރަށު ކުނި ކޮށީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ފަޔާއިން އަޅާފައިވާ ފެން ހޮޅިއެއްގައި ޖެހިގެން ކަމަށެވެ.

"އެ ސަރަހައްދުގައި އޮތީ ބެރިކޭޑު ވެސް ޖަހާފައި. ބެރިކޭޑު ވެސް ޖަހާފައި އޮއްވައި ސައިކަލު އައީ ވެސް." އޮފިޝަލް ވިދާޅުވި އެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ. އަދި އައްޑޫ ސިޓީ ހޮސްޕިޓަލުން މީޑިއާއަށް މައުލޫމާތު ދެއްވާ ބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.