އައްޑޫ ސިޓީ ހިތަދޫ ކުނި ކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ކުނި ކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމަތު ރޭ ދަންވަރު 1:12 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ކުނި ކޮށީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި -- ފޮޓޯ/ އެމްއެންޑީއެފް

"ކުނި ކޮށީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އިތުރަށް ދެން ނުފެތުރޭނެ ވަރަށް ކޮންޓްރޯލް ކުރެވިފައި. އެހެންނަމަވެސް ކުނިތަކުގެ އަޑީގައި އަދިވެސް ކޮންމެވެސް ވަރަކަށް އަލިފާން ހިފާފައި ހުރީ. އެމްއެންޑީއެފްގެ ފަޔާ އަންނަނީ ހަރަކާތްތެރިވަމުން އަދިވެސް އެ ސަރަހައްދުގައި،" އަދުނާނު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ހިތަދޫ ކުނި ކޮށީގައި ރޯވި ސަބަބެއް އަދި ނޭނގެ އެވެ. އައްޑޫ ސިޓީ ކައުންސިލިގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު "ސަން"އަށް މިއަދު ވިދާޅުވީ ކުނި ކޮށީގައި ކުނި "މިނަށްވުރެ" ގިނަވުމުން ރޯވާ ކަމަށެވެ.

އައްޑޫ ސިޓީ ކުނިކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު އައްޑޫ ސިޓީ ހުޅުމީދޫ ކުޅި ކައިރީގައި ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ.